"ހަމައެކަނި ޓޫރިސްޓުންނަށް" ޚާއްސަކޮށްގެން ސްރީލަންކާގައި ހިންގަމުން ގެންދާ ހޮޓެލާއި ގެސްޓްހައުސް އާއި ރެސްޓޯރަންޓްތަކާ މެދު ފިޔަވަޅު އެޅުމަށް ސްރީލަންކާގެ ސަރުކާރުން ނިންމައިފި އެވެ.

އާ އަހަރު ފެށުމާ ދިމާކޮށް، ސްރީލަންކާގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ބައެއް ސަރަހައްދުތަކުގައި ހިންގާ ބައެއް ހޮޓެލްތަކާއި ރެސްޓޯރަންޓްތަކާއި ގެސްޓްހައުސްތަކަށް، ސްރީލަންކާގެ ރައްޔިތުންނަށް ނުވަދެވޭނެ ކަމަށް ލިޔެ، އެތަންތަނުގެ ބޭރުގައި އިއުލާން ތަތްކޮށްފައި ހުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ސްރީލަންކާގެ ރައްޔިތުންނާއި ބޭރު މީހުން ތަފާތުކޮށް، އެގައުމުގެ ރައްޔިތުން ތަންތަނަށް ވަނުމަށް ހުރަސް އަޅަމުންދާތީ، ސްރީލަންކާ ސަރުކާރުން ނިންމާފައި ވަނީ އެ މައްސަލަ ބެލުމަށެވެ.

ސްރީލަންކާގެ ލޯކަލް ގަވަމެންޓް މިނިސްޓަރު ފައިޒަރު މުސްތަފާގެ ބެއްލެވުމުގެ ދަށުން، ލަންކާ ފުލުހުންނާއި ސަރުކާރު ގުޅިގެން އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ އިރު، ލަންކާ ރައްޔިތުންނާ މެދު ތަފާތުކުރުންތައް ބަހައްޓާ ތަންތަނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.

ލަންކާގެ ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ބައެއް ޕްރޮޕަޓީތަކުގެ ބޭރުގައި "ޓުއަރިސްޓް އޮންލީ" ޖަހައި، ލަންކާ ރައްޔިތުންނަށް އެތަންތަނުން ޚިދުމަތް ހޯދުމަށް ހުރަސް އެޅުމަކީ ސްރީލަންކާގެ ގާނޫނު އަސާސީގެ އިތުރުން އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް މިނިސްޓަރު ފައިޒަރު މުސްތަފާ ވިދާޅުވި އެވެ.

"މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ސްރީލަންކާގައި ހަމައެކަނި ފަތުރުވެރިންނަށް ޚާއްސަ ތަންތަނެއް ނުހުންނާނެ. އެހެން ނޫނީ އެއީ ލަންކާގެ ގައުމީ ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް،" މިނިސްޓަރު މުސްތަފާ ވިދާޅުވި އެވެ.