ގދ. ގައްދޫ ދެކުނު ފަރާތު މޫދުން އެރަށުގެ ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެކަން ފުލުހުންވެސް ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

ގައްދޫ ކައުންސިލުގެ ރައީސް ރައްޔާން ޖަމާލު މިއަދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު ފެހިގެ، ހުސެއިން މަނިކު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ ދެކުނުު ފަރާތުން މޫދުން މިއަދު މެންދުރު ނަމާދުގެ ކުރިން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް މިއަދު މެންދުރުފަހު 1:30 އެހާކަށްހާއިރު ހުށަހެޅިފައިވާ ކަމަށާއި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު އޮތީ ރަށު ސިއްހީ މަރުކަޒުގައެވެ. އަދި ފުލުހުން މިހާރު ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.