12 Aug 2011, 01:22
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 47 ގައިދީއަކު މިރޭ މިނިވަންކޮށް، މުޖުތަމައުއަށް ދޫކޮށްލައިފި އެވެ.
ދެވަނަ ފުރުސަތުގެ ދަށުން 47 ގައިދީން ދޫކޮށްލީ ޣާޒީ ބިލްޑިންގައި އުފައްދާފައިވާ "ދެވަނަ ފުރުޞަތު" އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މީހުން ދޫކޮށްލީ ތިން އަހަރުގެ މުއްދަތައްކަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސަސް )ޑީޕީއާރްއެސް( އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވަކި ކަންތައްތަކަށް އިގްރާރުވެގެންނެވެ.
ޑީޕީއާރްއެސް އިން ބުނީ އެ އިގްރާރުގެ ދަށުން ކައުންސިލިންގެ ހިދުމަތްތަކާއި މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމަށް ބޭނުންވާނެ މަސައްކަތްތައް ދަސްކުރުމުގެ ފުރުޞަތާއި، ހުނަރުވެރިކަން އިތުރުކުރުމުގެ ކޯސްތައް ކޮންމެ ބައިވެރިއަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ ތިން އަހަރުގެ މުއްދަތުގައި އެއްވެސް ކުށެއް ނުކުރާނަމަ ކުށްވެރިން އޮޓޮމެޓިކުން މިނިވަންވާނެ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވީ އާއިލާތަކާ މިރޭ ހަވާލުކުރި ގައިދީންނަކީ ގިނަ ދުވަސްތަކެއްވަންދެން މުޖުތަމައުން އެކެހެރިކޮށް އުޅެފައިވާ ފަރާތްތަކެއްކަން "ހަނދާންކޮށް އެފަރާތްތައް އަލުން މުޖުތަމަޢަށް ގެނެއުމަށް އާއިލާތަކުން އެހީތެރިކަމާއި ލޯތްބާއި އަޅާލުން" ދޭންޖެހޭނެ ކަމަށެވެ. އަދި ކުށްވެރިން ވެސް ދެވަނަ ފުރުސަތުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ އައިމިނަތު ޖަމީލް އާއި ޑީ.ޕީ.އާރު.އެސްގެ އިސްވެރިންނާއި ދެވަނަ ފުރުޞަތަށް ދޫކުރާ ފަރާތްތައް ކަނޑައެޅުމަށް ރައީސް ނަޝީދު އެކުލަވާލައްވާފައިވާ ކޮމެޓީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޑީޕީއާރްއެސްއިން ބުންޏެވެ.