ހިޔާގެ ނަމުގައި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަޅަން އިއުލާންކުރި ޓަވަރު އަޅައިދޭން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އައިޔޫއެމް އިން އަޅާނީ 14 ބުރީގެ އެއް ޓަވަރެވެ. އެ ޓަވަރު އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ޔުނިވާސިޓީ އަށް ލިބިފައިވާ 19،369.87 އަކަ ފޫޓުގެ ބިމުގެ ތެރެއިން 14،343.11 އަކަ ފޫޓުގަ އެވެ.

ކޮންޓުރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން އައިޔޫއެމް އަށް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ.

އަދި އެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މުއްދަތުގެ ތެރޭގައި ހަ ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށް، ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ދެ ކުންފުންޏަކާއި ބޭރުގެ ހަތަރު ފަރާތެއް ހިމެނޭ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ. ނަމަވެސް އެ ފަރާތްތަކުގެ ތަފްސީލެއް އަދި ޓަވަރުގެ މަސައްކަތް ހަވާލު ކުރާނީ ކޮންއިރަކު ކަމެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ފަރާތްތައް ވެސް ބައިވެރިކޮށްގެން ކުރިއަށްގެންދާ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ނުވަ ކުންފުންޏަކުން އެ ކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އައިޔޫއެމް އަށް ޓަވަރު އަޅަން ހުޅުވާލައި އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ހިމެނޭ، އެމްޕީއެލް އާއި އެމްޓީސީސީ އިން ވަނީ އެ ކުންފުނިން އަޅާ ޓަވަރުތަކުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.