ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުފަތުރުގެ ކަންކަން ފެށުމަށާއި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް އެގައުމުގެ ރައީސް މަމްނޫން ހުސައިން އަންގަވައިފި އެވެ.

ޕާކިސްތާނުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު ވައިސް އެޑްމިރަލް (ރޓޑ) ވަސީމް އަކްރަމްއާ ބައްދަލުކުރައްވައި ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަނީ ވަޔާއި ކަނޑުގެ މަގުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް އަންގަވައިފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެގައުމުގެ ދެމެދުގައި ހަ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވުންތައް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓުން ތަމްރީނުކުރުން، ވިޔަފާރި ޕްރޮމޯޓުކުރުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން، ފަތުރުވެރިކަން ކުރިއެރުވުން، ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުން އަދި ސިވިލް ސާވަންޓުން ތަމްރީނުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޕާކިސްތާނުން ދަނީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅަން އުޅޭ އާ ސަފީރު ވަސީމް އަކްރަމް އެމަގާމަށް އަދި ހަމަޖައްސާފައެއް ނުވެ އެވެ.

މިވަގުތު ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރަކީ ވައިސް އެޑްމިރަލް (ރޓޑ) ސައީދު ޚަވާރު އަލީ ޝާހެވެ.