03 Jan 2018, 12:42
މިދިޔަ އާދީއްތަ ދުވަހު އޮސްޓްރޭލިއާގެ ު ސީޕްލޭން ދުއްވަން އިނީ ރާއްޖޭގައި ކުރިން މަސައްކަތްކުރި ޕައިލެޓެއް ކަމަށް އެ ސީޕްލޭން ނިސްބަތްވާ "ސިޑްނީ ސީޕްލޭންސް" ކުންފުނިން ބުނެފި އެވެ.
އެދުވަހު ހިނގި ހާދިސާގައި، ފްލައިޓު ދުއްވަން އިން ޕައިލެޓާއި، ފަސް ފަސިންޖަރުން ވެސް ވަނީ މަރުވެފަ އެވެ.
އެ ސީޕްލޭން ދުއްވަން އިނީ ކެނެޑާއަށް ނިސްބަތްވާ، އުމުރުން 44 އަހަރުގެ ގެރެތު މޯގަން އެވެ.
ގެރެތު މޯގަން ދިވެހިރާއްޖޭގައި މަސައްކަތް ކޮށްފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ކުރީކޮޅާ ހަމައަށެވެ. އޭނާ މަސައްކަތްކޮށްފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ސީޕްލޭން ޕައިލެޓެއްގެ ގޮތުގަ އެވެ.
މޯލްޑިވިއަންއިން ސީޕްލޭންގެ ފުރަތަމަ ދަތުރު ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހު އެވެ. ތ. މާލިފުށީގައި ހިންގާ ކޯމޯ މާލިފުށި ރިސޯޓަށް ދަތުރުކުރިއެ ސީޕްލޭނުގެ ފަސްޓް އޮފިސަރުގެ ގޮތުގައި ހުރީ ގެރެތު އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯއެއްގައި ގެރެތު މޯގަން (ކަނާތުން ދެވަނައަށް) --- ފޮޓޯ: މޯލްޑިވިއަން
ސިޑްނީ ސީޕްލޭންސްގެ ސީއީއޯ އެރަން ޝޯ ނެރުއްވި ބަޔާނެއްގައި ބުނީ، ގެރެތުއަކީ 10،000 އަށް ވުރެ ގިނަ ގަޑިއިރުގެ ތަޖުރިބާ ހުރި ޕައިލެޓެއް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 9،000 ގަޑިއިރު އޭނާ ދުއްވާފައި ވަނީ ސީޕްލޭން ކަމަށެވެ.
ސިޑްނީ ސީޕްލޭންސް އިން ބުނި ގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ގެރެތު މަސައްކަތްކުރަމުން ދިޔައީ ސިޑްނީ ސީޕްލޭންސްގަ އެވެ. އޭގެ ކުރިން، 2011 އިން 2014 ގެ ނިޔަލަށް ވެސް އޭނާ ސިޑްނީ ސީޕްލޭންސްގައި މަސައްކަތް ކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
"އޭނާއަކީ ޚުދު އަޅުގަނޑާއި، މި ކުންފުނީގެ މުޅި ޓީމުން ވެސް ވަރަށް ގަދަރާއި އިހުތިރާމްކުރާ ޕައިލެޓެއް،" ސިޑްނީ ސީޕްލޭންސްގެ ސީއީއޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވެއްޓުނު ސީޕްލޭންގައި ފަސިންޖަރުންގެ ގޮތުގައި ތިބީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ރިޗަޑް ކަޒިންސް އާއި އޭނާގެ ތިން ދަރީންގެ އިތުރުން އޭނާގެ ލޯބިވެރިޔާ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު، ސިޑްނީ ސީޕްލޭންސްގެ ހުރިހާ ދަތުރެއް މިވަގުތު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.