03 Jan 2018, 13:00
ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގަށް ބައިނަލަގްވާމީ އެވޯޑެއް ލިބިވަޑައިގެންފި އެވެ.
މުޝްތާގަށް ލިބވަޑައިގެންފައި ވަނީ ދުނިޔޭގެ އެކިތަންތަކުގެ މަސައްކަތެރިންނަށް އޭއެސްޑީއެފް އިން ދޭ ބެސްޓް އެކަޑެމިކް ޗެއާމަންގެ އެވޯޑް އެވެ. އެ އެވޯޑް މިދިޔަ މަހު 30ގައި އިންޑިއާގެ ގޯއާގާއި އެކަމަށް ބޭއްވި ރަސްމިޔާތުގައި މުޝްތާގަށް ވަނީ އަރުވައިފަ އެވެ.
މިއީ އޭއެސްޑީއެފްގެ އެވޯޑެއް ރާއްޖޭގެ ބޭފުޅަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެެވެ.
ދުނިޔޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އޭއެސްޑީއެފް އިން ދަނީ އެވޯޑްތައް ދެމުންނެވެ.
މުޝްތާގު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއެސްޑީއެފް އިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ 1000 މީހުންނަށް އެކި ރޮނގުތަކުން އެވޯޑްތައްދޭ އިރު އެފަދަ އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މުޝްތާގު ވަނީ ތައުލީމީ މުއައްސަސާތައް އުފައްދަވައި ހިންގެވުމުގެ ރޮނގުން މި އަހަރު ގައުމީ އިނާމު ވެސް ހާސިލްކުރައްވައިފަ އެވެ.
އެވިޑް ކޮލެޖުން މިހާރު ތައްޔާރުވަމުން ދަނީ ރާއްޖޭގެ އެމްކިއުއޭ އިން ފާސްކޮށްފައިވާ މާސްޓާސް އިން ޓީޗިން ކޯހެއް އަންނަ އަހަރު ލަންކާގެ ޔުނިވާސިޓީއެއްގައި ހިންގުމަށެވެ. ރާއްޖޭގެ އެއްވެސް ޔުނިވާސިޓީއެއް އަދި ކޮލެޖެއްގެ ކޯހެއް މިހާތަނަށް ބޭރުގެ އެއްވެސް އިންސްޓިއުޝަނެއްގައި ކިޔަވައިދީފައެއް ނުވެ އެވެ.