އިނިގިރޭސި ވިލާތުގައި ގްރޫޕްތަކުން ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރެމިއާ ލީގުގައި ޓޮޓެންހަމްއާއި އެވަޓަން ބައްދަލުކުރާ މެޗް ފަސްކުރެވިފައިވާކަން ޕްރެމިއާ ލީގުން ކަށަވަރުކޮށްދީފި އެވެ.

"ޓޮޓެންހަމްއާއި އެވަޓަން ބައްދަލުކުރާމެޗް ފަސްކުރެވުނު ނަމަވެސް މިހާރުއޮތް ގޮތުން އަދި އޮތީ އަނެއް ނުވަ މެޗް ކުޅޭ ގޮތަށް. ހަމަނުޖެހުން މުޅިން ކޮންޓްރޯލް ނުކުރެވޭތީ ފުލުހުންނަށް އަދި ކައުންސިލަށް ޓޮޓެންހަމް ރޯޑް ހައި ހަވާލުނުކުރެވެން ނެތުމުން ޓޮޓެންހަމްގައި ކުޅޭ މެޗްގެ ސެކިއުރިޓީ ސޭފްޓީ ދެވޭކަށް ނެތް." ޕްރެމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް ސްކަންޑަމޯ ބުންޏެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު އެވަޓަންއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗް ފަސްކޮށްފައިވާކަން ޓޮޓެންހަމް އިން ވެސް ކަށަވަރުކޮށްދީފަވެ އެވެ.

"ހަމަނުޖެހުންތަކާ ހެދި ކްލަބްގެ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށް ކުޅޭ މެޗްވަނީ ފަސްކުރެވިފައި. ސަޕޯޓަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ކްލަބުން ނިހާޔަތަށް މަޢާފަށްއެދޭ. މިމެޗް ކުޅެވޭނެ ދުވަސް ފަހުން އިޢުލާންކުރެވޭނެ." ޓޮޓެންހަމްގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައިވެ އެވެ.

ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ކުޅޭ މެޗްތައް ބާއްވާނީތޯ އިތުރަށް ބެލުމަށް މަޝަވަރާކުރުމަށް ޕްރެމިއާ ލީގުން މިރޭގެ ވަގުތެއްގައި ބައްދަލުކުރާނެ އެވެ. މެންޗެސްޓާ އަދި ބާމިންގްހަމްގައި ކުޅޭ މެޗްތައް ވެސް ފަސްކުރަންޖެހިދާނެ ކަމަށް މިހާރު ބެލެވެ އެވެ.