އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ މިޑިއާތަކާ މެދު ތަފާތު ޚިޔަލުތައްގެންގުޅުއްވާ ބޭފުޅެކެވެ. އެމެރިކާގެ އެންމެ މެއިންސްޓްރީމް މިޑިއާތައް ކަމަށްވާ ސީއެންއެން، އޭބީސީ އަދި ނިއުޔޯކް ޓައިމްސް ފަދަ މީޑިއާތަކަކީ ދޮގު ހަބަރު ފަތުރާ "ފޭކް" ނޫސް އެޖެންސީތަކުގެ ގޮތުގައި ޓްރަމްޕް ސިފަ ކުރައްވަ އެވެ.

ޓްވިޓާ އާ ވަރަށް ރައްޓެހި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓްރަމްޕް ވަނީ މި ފެށުނު އާ އަހަރާ އެކު އެމަނިކުފާނު ހިތްޕުޅާނުވާ މީޑިއާތަކަށް ރައްދުވާ ގޮތަށް ޓްވީޓެއް ކުރައްވައިފަ އެވެ. ހޯމަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ އަހަރުގެ އެންމެ ކޮރަޕްޓް އަދި ދޮގު ހަދާ މީޑިއާތައް އިއުލާނުކޮށް އެވޯޑެއް ދެއްވާނެ ކަމަށެވެ.

އެގޮތުން ތަފާތު ދާއިރާތަކުން "ފޭކް އަދި ދޮގު ހަބަރުތައް" ފެތުރި ނޫސް އެޖެންސީތަކަށް އެވޯޑް ދެއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ފޭކް މީޑިއާތަކުގެ ވާހަކަ ޓްރަމްޕް ދެއްކެވި އިރު އެމަނިކުފާނުގެ އެންމެ "ފޭވަރިޓް" ނޫސް އެޖެންސީ "ފޮކްސް ނިއުސް"ގެ ވާހަކަ ގެންނަވައިފައެއް ނުވެ އެވެ. މީގެ ކުރިން ނޮވެމްބަރު މަހު ވެސް ޓްރަމްޕް ވަނީ ފޭން ނިއުސް އެވޯޑެއްގެ ވާހަކަ ޓްވީޓް ކުރައްވައިފަ އެވެ.

ޓްރަމްޕްގެ ކެމްޕެއިން އޮފީހުން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފޮނުވި މެއިލްއެއްގައި ބުނީ 2017 ވަނަ އަހަރު އެންމެ ގިނައިން ދޮގު ހަބަރު ފެތުރި ނޫސް އެޖެންސީއަކަށް އެވޯޑްދޭން ޓްރަމްޕް ނިންމަވާފައިވާ ކަމަށާއި އާންމުންގެ ހިޔާލު އެކަމުގައި ބޭނުންވާ ކަމަށެވެ. އެވޯޑަށް ނޮމިނޭޓް ކޮށްފައި ވަނީ އޭބީސީ، ސީއެންއެން އަދި ޓައިމް އެވެ.