ރޭ ފަތިހުން ފެށިގެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

މީހުން ގިނައިން އޮފީސްތަކަށް ދުއްވާ މަގުތަކުގެ ތެރެއިން އަމީނީ މަގާއި ބުރުޒުމަގުވެސް ވަނީ ފެންބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން އޮފީސްތަކަށް ދާ މީހުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ހާއްސަކޮށް ސައިކަލުތަކުގައި ދަތުރުކުރާ މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން އުނދަގޫ ވާކަމަށް އެމީހުން ބުންޏެވެ.

މާލޭގެ މަގުތަކުގައި ފެނބޮޑުވުން ހައްލު ކުރުމަށް ފެން ހިނދޭ ގޮތަށް މީގެ ކުރިން އަމީނީ މަގު މަރާމާތުކޮށް ހޮޅިއެއްވެސް ވަޅުލި އެވެ.

ވާރޭ ވެހިލާއިރަށް ފެން ބޮޑުވާ މައްސަލައަށް އެއްވެސް ހައްލެއް އަދިވެސް ލިބިފައިނުވި ނަމަވެސް، މިހާރު ބޮޑުވާ ފެންގަނޑު ކުރިއަށްވުރެ އަވަހަށް ހިނދެ އެވެ.

މެޓް އޮފީހުން ބުނާ ގޮތުންރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެއަސަރުފޯރާނެއެވެ. ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ކަނޑުތައްވެސް ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.