03 Jan 2018, 09:16
ސައުދީ އަރަބިއާގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ނިންމާފައިވަނިކޮށް ތެޔޮ ޖަމާކޮށް، ތެޔޮ ނުވިއްކާ ހިފެހެއްޓި 68 ސްޓޭޝަނެއް ބަންދުކޮށްފިއެވެ.
ސައުދީގައި ތެލުގެ އަގު ބޮޑުކުރަން ނިންމާފައިވާ އިރު، އަގު ބޮޑުކުރަންދެން ތެޔޮ ނުވިއްކާ ބަހައްޓާތޯ ބެލުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 1597 ސްޓޭޝަނެއް އިންސްޕެކްޓްކޮށްފައެވެ.
އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ސައުދީގައި ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފައެވެ. ތެލުގެ އަގު ބޮޑުކުރި ނަމަވެސް އާންމުންނަށް ދަތިވާކަމެއް ކުރިމަތިވޭތޯ ބެލުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ފިޔަވަޅުތައް އަޅައިފައެވެ.
ނަމަވެސް ތެޔޮ ވިއްކާ ތަންތަނުގައި ކިއު ދިގު ކަމުން ތެޔޮ އެޅުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.
ތެލުގެ އަގު ސައުދީގައި އުފުލިފައިވާ އިރު، ޑީސަލްގެ އަގަށް ބަދަލު ނައި ނަމަވެސް އޮކްޓޭން 91 އަދި އޮކްޓޭން 95 ގެ އަގު ވަނީ އުފުލިފައެވެ.