ރާއްޖޭގެ ގައުމިއްޔަތާއި ދީނާ ކުޅޭނެ ފުރުސަތެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "އުންމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، އިސްލާމްދީން ފިޔަވައި އެހެން ދީންތައް އޮތްތޯ ސުވާލު ކުރުމަކީ ކުރެވިގެންވާނެކަމެއް ނޫން ކަމަށާއި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމުގައި ނުބެލެވޭނެ ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރާ އެހެން ދީނެއް ނޯވޭ އިސްލާމްދީން ފިޔަވާ،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ ނަމުގައި ދީނާ ޚިލާފު ވާހަކަ ދެއްކުމަކީ ސިޔާސީ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި ރާއްޖެއިން އިސްލާމްދީން ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާ އިރު، އިސްލާމްދީނާ ހިލާފުވާގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް ޝަހިންދާ އިސްމާއިލް ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ. އަދި އެ ޓުވީޓާ ގުޅިގެން ދީނީ އިލްމުވެރިންގެ ނުރުހުން ޝަހިންދާއަށް އަމާޒުވެ އެކަމާ ފިޔަވާޅު އެޅުމަށް ދީނީ އިލްމުވެރިން ގޮވާލާފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝަހިންދާގެ ދިފާއުގައި ޓްވީޓެއް ކުރައްވައިފައެވެ.

މިރޭގެ ޕްރޮގްރާމްގައި މޫސަ ވަނީ އިދިކޮޅު ފަރާތްތަކަށްވެސް ބަހުގެ ހަމަލާތައް ރައްދުކުރައްވައިފައެވެ. އެގޮތުން ރައީސް ޔާމީން ބަލިކުރަން އިދިކޮޅުން އެއް ކެނޑިޑޭޓަކު ނެރޭނަމޭ ބުނި ނަމަވެސް އެކަން ނުވާނެ ކަމަށާއި އެކަމުގެ އަލާމާތްތައް މިހާރުވެސް ފެންނަމުންދާކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، މިހާރު ކަންކަން ދާ ގޮތަށް ބަލާއިރު، އިއްތިހާދުން ދެތިން ކެންޑިޑޭޓަކު ނުކުންނާނެކަމުގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދަށް ވާދަކުރެއްވޭނެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި އަދި ޖުމްހޫރީ ޕާޓީއާއި އަދާލަތުން ވެސް ކެންޑިޑޭޓަކު ނެރޭ ތަން ފެންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މިހާރު ސިޔާސީ މައިދާނުގައި ކަންހިނގާ ގޮތަށް ބަލާއިރު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ރައީސް ޔާމީނަށް އުނދަގޫކަމަކަށް ނުވާނެ ކަމަށާއި "ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން" ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަމަށް އަންނަން އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.