ލ. ފޮނަދޫން ގަމަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ރުކެއްގައި ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އެ އަތޮޅު ގާދޫގެ ކަތީބުކަން ކުރިން ކުރައްވާފައިވާ އަލީ މޫސާ،62، އަށެވެ. އޭނާ އަށް ގަމު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ އެކްސިޑެންޓުގައި އަލީ މޫސާގެ މޫނަށް އަނިޔާވެ، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ލޯ ދުޅަވެ، ދެކަންފަތުން އަދިވެސް ލޭ އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެކަންފަތުން އަދިވެސް ލޭ މަނައެއްނުވޭ. ވާއަތު ލޯކައިރި ހުރީ ވަރަށްބޮޑަށް ދުޅަވެފައި. ކަނާތް ފަރާތު ކަންފަތުން އަދިވެސް ލޭފައިބަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް މިރޭ މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިރޭ 10:30ގެ ފްލައިޓުން މާލެ ފޮނުވުމަށް ހުރިހާ ތައްޔާރީއެއް ވަނީ ވެފައި ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއެކްސި ޑެންޓްވެފައި ވަނީ ގަމު ކުރުހިންނާ ތެރެއަށް އަރަން އޮންނަ ހިސާބުގައި ހުންނަ ބުރު ކައިރިންނެވެ. އެކްސިޑެންޓުވި އިރު ސައިކަލުގައި އިނީ އަލީ މޫސާ އެކަންޏެވެ.