އޮސްޓްރޭލިއާގެ ސިޑްނީގައި ބިނާކުރަމުންދާ 99 ގުއްބު ލީ މިސްކިތަކަށް މީހުންގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ މިސްކިތަކީ ނުވަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކުރާ މިސްކިތެކެވެ. މިސްކިތުގެ ޑިޒައިނަރަކީ އެންޖެލޯ ކެންޑެލެޕަސް ކިޔާ މީހެކެވެ. އޭނާއަކީ ގްރީކް އޯތޮޑޮކްސް ކްރިސްޓިއަނެކެވެ. މިސްކިތަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މިސްކިތުގެ ޑިޒައިނުގެ ފުރިހަމަ ކަމުންނެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ބިނާ ކުރަމުންދާ 99 ގުއްބުލީ މިސްކިތުގެ ބޭރު --- ފޮޓޯ: ސީއެންއެން

ސިޑްނީގައި ބިނާކުރަމުންދާ އެ މިސްކިތް އަންނަ ރަމަޟާން މަހު ހުޅުވުމަށް ނިންމާފައިވާއިރު މިސްކިތް ބިނާ ކުރުމުގެ މައިގަނޑު އެއް މަގްސަދަކީއެ ސިޓީގައި ދިރިއުޅޭ އެކި ދީންތަކުގެ މީހުންގެ މެދުގައި ގުޅުން ބަދަހިކުރުވުމެވެ. އެ މިސްކިތުގެ ސަބަބުން އެކި ދީންތަކުގެ މީހުންގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް މިސްކިތް ޑިޒައިން ކުރި އެންޖެލޯ ބުންޏެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ބިނާ ކުރަމުންދާ 99 ގުއްބުލީ މިސްކިތް --- ފޮޓޯ: ސީއެންއެން

އެ މިސްކިތް މިހާރު މަޝްހޫރުވެފައިވަނީ އޮސްޓްރޭލިއާގެ 99 ގުއްބުލީ މިސްކިތުގެ ގޮތުގައެވެ. މިސްކިތުގެ މައި ދޮރު ކަނޑާފައި ހުންނާނީ މައި މަގަށް ވާގޮތަށެވެ. މިސްކިތުގެ ގޯތި ތެރެއަށް ހުރިހާ އެންމެންނަށްވެސް ވަދެވޭނެ ކަމަށް އެންޖެލޯ ބުނެފައިވެއެވެ.

އެ މިސްކިތް ޑިޒައިން ކުރުމަށް އެންމެ ފުރަތަމަ ހުށެހެޅުން އައީ 300 އަހަރުވަންދެން ދެމި ހުންނާނެ ފަދަ ގޮތަކަށް ޑިޒައިން ކުރުމަށް ނަމަވެސް އެންޖެލޯ ބުނީ އޭނާ މިސްކިތް ޑިޒައިން ކުރީ 1000 އަހަރު ވަންދެން އެތަން ދެމިހުންނާނެ ގޮތަށް ކަމަށެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ބިނާ ކުރަމުންދާ 99 ގުއްބުލީ މިސްކިތް --- ފޮޓޯ: ސީއެންއެން

"މީޓް ދަ އޮސީ މޮސްކް" ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އެ މިސްކިތުގެ މަސައްކަތް ސިޑްނީގެ އާކިޓެކްޗާ ފެއާއެއްގައި ދައްކާލައިފައެވެ. އެ މިސްކިތުގެ ޑިޒައިނަކީ ޒަމާނީ އާކިޓެކްޗާ ފުރިހަމައަށް ފެނިގެންދާނެ މިސްކިތެކެވެ. މިސްކިތުގެ ކޮންމެ ގުއްބެއްގައި ﷲ ގެ އިސްމުފުޅެއް ލިޔާނެއެވެ. އެ މަސައްކަތް ކުރާނީ ތުރުކީގެ ކަމާބެހޭ މާހިރުންނެވެ.

މިސްކިތް ބިނާ ކުރުމަށް ހުއްދަ ހޯދުމަކީ މި ފަހަކަށް އައިސް އޮސްޓްރޭލިއާގައި ވަރަށް ދަތި ކަމެކެވެ. އެގައުމުގެ އާބާދީގެ ތިން ޕަސެންޓަކީ މުސްލިމުންނެވެ. އެގައުމުގައި 300 އަށް ވުރެ ގިނަ މިސްކިތް އެބަހުއްޓެވެ.