ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އަތޮޅުތެރޭގައި ހިންގާ ގޮފިތަކުގައި ކިޔަވައިދިނުމަށް ބޭރުގެ ގާރީންނާއި ހާފިޒުން ގެނައުމަށް ނިންމައިފިއެވެ.

ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އެ މަރުކަޒުން އަތޮޅު ތެރޭ ހުޅުވާފައިވާ ގޮފިތަކުންގެ ޚިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގުރުއާނުގެ އިލްމު އުނގަންނައިދިނުމަށް އަތޮޅު ތެރޭގެ ގޮފިތަކަށް ބޭރުގެ އިލްމުވެރިންނާއި ހާފިޒުން އަދި ގާރީން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ، މަދުވެގެން އެއްރަށުގައި އެ މަރުކަޒުގެ ގޮތްޕެއް ހުޅުވާ ކީރިތި ޤްރުއާނުގެ އިލްމު ފުޅާކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ޤާރީ ކޯސްތަކުގެ އިތުރުން، ސަރުކާރުގެ ދީނީ ކަންތަތައްތަކަށް ބޭނުންވާ އިމާމުންނާއި ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ މީހުން ތަމްރީން ކުރަމުންދާނެ،" ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭގޮތުން އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި މިހާރުވެސް ގުރުއާނާ ބެހޭ މަރުކަޒުގެ 28 ގޮފި ހުންނައިރު 200 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.