ހއ. އިހަވަންދޫގައި ބަންނަމުންދިޔަ ފައިބަރު ދޯންޏެއްގައި ރޭ އިރާކޮޅު ރޯކޮށްލުމުގެ ސަބަބުން އެ ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުންނެވެ. ގާތްގަނޑަކަށް 80 ވަރަކަށް ފޫޓުގެ އެ ދޯނި ބަނުމުގެ މަސައްކަތް ވަކި ހިސާބަކަށް ކުރުމަށްފަހު މެދުކަނޑާލާފައި އޮއްވާ އޭގައި ރޯކޮށްލުމުން ދޯނީގެ ވެރިފަރާތަށްވެސް ލިބިފައިވަނީ ކުއްލި ހައިރާން ކަމެކެވެ. އޭނާ ގަބޫލު ކުރަނީ ބަޔަކު ގަސްތުގައި އެ ދޯނީގައި ރޯކޮށްލީ ކަމަށެވެ.

"މަސައްކަތް ނުކުރާ ތަނެއްގައި އެހެން ހުރެފައި ރޯވާނެ ކަމަކަށް ނުބެލެވޭ. ބޮޑަށް ގަބޫލު ކުރަނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް،" ސަން އާ ވާހަކަ ދައްކަމުން ދޯނީގެ ވެރިފަރާތްކަމަށްވާ އިހަވަންދޫ ކޮށިތެރޭގޭ، އިބްރާހިމް ހަލީލް ބުންޏެވެ.

އިހަވަންދޫގައި ދޯނި ބަނުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ހަލީލް ބުނީ އެ ދޯނީގެ މަސައްކަތް ވަކި ވަރަކަށް ކުރުމަށްފަހު މެދުކަނޑާލާފައިވަނީ އެހެން މަސައްކަތެއް ކުރުމަށް ކަމަށެވެ.

"ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ މަސައްކަތް ނުކޮށް ބާއްވާފައި އޮންނަތާ. އެހެން އޮއްވައި ރޯކޮށްލީ. ފަހެއް ނޫނީ ހަ ލައްކަ އެއްހައި ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ،" ހަލީލް ބުންޏެވެ.

އިހަވަންދުގައި ބަންނަމުން ދިޔަ ދޯންޏެއްގައި ރޭ ރޯކޮށްލާފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެރޭ ރ. އަލިފުށީ ގެއެއްގައިވެސް ވަނީ ރޯކޮށްލައިފަ އެވެ.