ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭ ޤައުމީ ވޮލީބޯޅަ ޓީމު މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ރިޔޫނިއަން އާއި ދެކޮޅަށް ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ރިޔޫނިއަންއިން ކާމިޔާބުކޮށްފި އެވެ.

މިމެޗް ރިޔޫނިއަންއިން ކާމިޔާބުކޮށްފައި ވަނީ 3-2ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ދިވެހިރާއްޖެ އިން ގެންގޮސްފައި ވަނީ 26-24 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް 21-25 އަދި 13-25 އިން ރިޔޫނިއަންއިން ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗްގެ ހަތަރު ވަނަ ސެޓްގައި ދިވެހިރާއްޖެ އިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާ 25-23 ޕޮއިންޓުން މިސެޓް ކާމިޔާބުކޮށްފަ އެވެ. މިމެޗްގެ ފަސް ވަނަ ސެޓްގައި ވަރަށް ހަމަހަމަ ކުޅުމަކަށް ފަހު ރިޔޫނިއަންއިން މިސެޓް ކާމިޔާބުކުރީ 15-13 ޕޮއިންޓުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވޮލީބޯޅަ ޓީމުގެ ކޯޗް ޝަރަފު ބުނެފައިވަނީ މިމެޗުން ބަލިވި ނަމަވެސް ހިތްހަމަޖެހޭ ކަމަށާއި ދެ ވަނަ ސެޓް ފިޔަވާ ހުރިހާ ސެޓެއްވެސް ނިމިފައި ވަނީ ވަރަށް ހަމަހަމަކޮށް ކަމަށެވެ.
"މިމެޗުން ބަލިވުމަކުން މައްސަލައެއް ނެތް. ހުރިހާ ސެޓެއްވެސް ދިޔައީ ވަރަށް ހަމަހަމަކޮށް. ދެން މިހިސާބަށް މިމެޗްގައި މިދެވުނީ ޓީމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން."

"އިރާދަކުރެއްވިއްޔާ އަދިވެސް އުންމީދުކުރަނީ ހަމަ މެޑަލްއަކަށް. ބްރޯންޒް މެޑަލް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. މިހެންބުނާއިރު ވެސް އިނގޭ ސާފް ގޭމްސްއަށް ވުރެ މިމުބާރާތުގައި މެޑަލް ހޯދަން އުނދަގޫވާނެކަން. މިއުޅެނި ހުސް އެއްވަރެއްގެ މޮޅު ޓީމުތައް." ޝަރަފު ބުންޏެވެ.