02 Jan 2018, 18:55
ސައުދީ އަރަބިއާގައި ކެންސަރަށް ފަރުވާ ކުރާ ކުދިންނަށް ހާއްސަ ކްލާސްރޫމްތަކެއް ހޮސްޕިޓަލުގައި ގާއިމްކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެެވެ.
ސައުދީގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމަކީ ކެންސަރަށް ފަރުވާކުރާ ކުދިން ހޮސްޕިޓަލުގައި ތިބޭ ދުވަސްވަރު އެކުދިންގެ ކިޔެވުމަށް ބުރޫ އަރާފާނެތީ، ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް ކަންތައް ބައްޓަން ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
ސައުދީގެ އެޑިއުކޭޝަން މިނިސްޓަރު އަހުމަދު އަލް އިއްސާ ވަނީ ދާދިފަހުން އެގައުމުގެ ޗެރިޓީ އޯގަނައިޒޭޝަނެއް ކަމަށްވާ މުސާނިދް ޗެރިޓަބަލް އޯގަނައިޒޭޝަން އާއެކު އެމްއޯޔޫއެއްގައި ސޮިއކޮށްފައެވެ. މި އެއްބަސްވުމަކީ ކެންސަރަށް ފަރުވާހޯދާ ކުދިންނަށް ކިޔަވައިދޭނެ ހާއްސަ ކްލާށްރޫމްތަކެއް ގާއިމް ކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އެ ކްލާސްތަކުގައި ކިޔަވައިދޭނީ އެހެން ސްކޫލުތަކުގައިވެސް ކިޔަވައިދޭ މާއްދާތައް ކަމަށާއި އޭރުން އެކުދިން އަނބުރާ ސްކޫލަށް ދާއިރު އެހެން ކުދިންނެކޭ އެއްވަރެއްގައި ހިފަހައްޓާލެވޭނެ ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ކްލާސްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
އޮންކޮލޮޖީ ސެންޓަރުތަކުގައި މިހާރުވެސް ހަތް ކްލާސްރޫމް އެބަހުރިކަމަށާއި އެ ކްލާސްރޫމްތަކުގައި ކިޔަވައިދޭ ކަމަށް މުސާނިދްގެ ޗެއާވޮމަން ޕްރިސްސަސް އާދިލާ ބިންތި އަބްދުﷲ އާއި ހަވާލާދީ ސައުދީ ގެެޒެޓްގައި ބުނެފައިވެއެވެ.