02 Jan 2018, 17:38
ރެއާލް މެޑްރިޑް އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިޔެކޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އޭނާގެ ސްޕޯޓަރުން ދެކެ ވަރަށް ލޯބިވާ މީހެއްކަން އޭނާ އެންމެ ފަހުން ކުރި އިންސްޓަގްރާމް ޕޯސްޓު ބަލާލުމުން އެނގެއެވެ.
އާ އަހަރުގެ ފުރަތަމަ އިންސްޓަގްރާމް ޕޯސްޓުގައި ރޮނާލްޑޯ ވަނީ އޭނާގެ އުފަން ރަށް ކަމަށްވާ ޕޯޗުގަލްގެ މެޑެއިނާގެ ބެލްކަނީ އެއްގައި އިށީނދެ އިނދެ އޭނާގެ ޓްރޮފީ ކަލެކްޝަން ދައްކާލާފައެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ރޮނާލްޑޯ ވަނީ އޭނާ އެރަށުގެ މަގުމަތީ ފުޓުބޯޅަ ކުޅެން އުޅުނު ގޮތް ކިޔައިދީފައެވެ.
"އަހަރެން މެޑެއިނާގެ މަގުމަތީގައި ފުޓުބޯޅަ ކުޅެން އުޅުނުއިރު ދެކެމުން އައި ހުވަފެނަކީ ފުޓުބޯޅައިގެ އެންމެ އުހަށް އެރުން. އެ ދުވަސްތަކުގައި އަހަރެން ހިތަކަށް ނާރާ މިއަދު މިކަހަލަ ފޮޓޯއެއް ނަގާލަން ލިބޭނެ ކަމަކަށް،" ރޮނާލްޑޯ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައިވެއެވެ.
މި ހުރިހާ ޓްރޮފީއެއް ޚާއްސަކުރަނީ އަހަރެންގެ އާއިލާ އަށާއި އެކުވެރިންގެ އިތުރުން ޓީމު ކުޅުންތެރިންނަށް. އަދި ވަރަށް ޚާއްސަ ޝުކުރެއް އަހަރެންގެ ސަޕޯޓަރުންނަށް އަދާކުރަން. މި ހުރިހާ ޓްރޮފީ އަކީ އެ ސަޕޯޓަރުންގެ ވެސް ހައްގެއް،" ރޮނާލްޑޯ ލިޔެފައިވެއެވެ.
ރޮނާލްޑޯ ވަނީ މިއަހަރު ފީފާއިން ހޮވި ދަ ބެސްޓް ފުޓްބޯލް އެވޯޑްސް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ތައާރަފުކުރި އެ އެވޯޑު ފުރަތަމަ ހޯދި ކުޅުންތެރިޔަކީ ވެސް އޭނާއެވެ. މީގެ އިތުރުން އޭނާ ވަނީ ފުޓްބޯޅަ މެގަޒިންފްރާންސް ފުޓްބޯލްއިން ހޮވާ ބެލެންޑޯ އެވޯޑު، ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ.