02 Jan 2018, 17:56
އާބާދީގައި 300 މީހުން ދިރިއުޅޭ ބ. ފެހެންދޫ ގައި ކުނި އުކަލަދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކުރުމުން އެކަމަށް އިޖާބަ ދީފައި ނުވާތީ ރަށުގައި އުފެދޭ ކުނި އުކައިލުމަށް ކައުންސިލަރުން ނިކުމެއްޖެއެވެ.
ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފަޒީލް "ސަން" އަށް ވިދާޅުވީ އެރަށުގައި އުފެދޭ ކުނި އުކައިލަދިނުމަށް ކައުންސިލަރުން ނިކުންނަން ފެށީ އިއްޔެ އިން ފެށިގެން ކަމަށެވެ.
"ކުނި އުކައިލަދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްގެން ބަޔަކު ނުލިބުމުން އަޅުގަނޑުމެން ނިންމީ ކުނި އުކައިދޭން ނިކުންނަން،" އޭނާ ވިދާޅުވިއެވެ.
ފަޒީލް ވިދާޅުވީ ކައުންސިލަރުން އޮފީހަށް ނިކުންނަވަނީ ކުނި އުކައިދީ ނިންމުމަށްފަހު ކަމަށެވެ.
"ހެނދުނު އަށެއް ޖަހާއިރު ނިކުންނަނީ. 10:30 ހާއިރު މިއަދު ނިމިއްޖެ. ކުނި އުކާ ނިންމާފަ މިއަދު އޮފީހަށް ނިކުތީ ހުރިހާ ކައުންސިލަރުންވެސް،"
އޭނާ ވިދާޅުވީ އޮފީހުގައި މާގިނަ މަސައްކަތްތައް ނުހުންނާތީ ލަހުން އޮފީހަށް ނިކުތް ނަމަވެސް މާބޮޑު ދަތިތަކެއް ކުރިމަތިނުވާ ކަމަށެވެ.

ފެހެންދޫ ކައުންސިލަރުން ކުނި އުކައިދެނީ --- ފޮޓޯ: އޭދަފުށި ޓައިމްސް
ފެހެންދޫ ކައުންސިލަރުން އެރަށު ހުރިހާ ގެއަކުންވެސް ކުނި އުކައިލަދެއެވެ. މަހު ފީ އަކީ 100 ރުފިޔާއެވެ. ކުނި އުފުލަނީ ރަށު ޕިކަޕެއްގައެވެ. "އެހެން ބަޔަކު ލިބިއްޖެނަމަ އަޅުގަނޑުމެން މި މަސައްކަތް އެ ބަޔަކާ ހަވާލު ކުރާނަން،" ފަޒީލް ވިދާޅުވިއެވެ.
ފެހެންދޫގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ސުވާލުކުރުމުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ހަލާކުވާ ޒާތުގެ ކުނި ނައްތާލަނީ ކަމަށާއި ދެން ހުންނަ ކުނި ބަހައްޓަނީ ކަމަށެވެ.
"ރަންދޫ ޕްރޮޖެކްޓްގައި ބައިވެރިވާން މިއުޅެނީ. އޭގެ ފަހުން ވެމްކޯ އިން އެ ކުނިތައްގެންދާނެ،" ކައުންސިލަރުން ކުނި އުކައިދޭން ނިކުތުމުގެ ކުރިން ފެހެންދުގައި ކުނި އުކައިލަމުން ގޮސްފައިވަނީ ރައްޔިތުން އަމިއްލަ އަށެވެ.