މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" މިއަހަރުގެ އޭޕްރީލް 21 ގައި ރިލީޒްކުރަން ހަމަޖައްސައިފިއެވެ.

ސަން އާ ވާހަކަ ދައްކަމުން މަރީ ބުނީ ފިލްމުގެ ޓިކެޓް ބުކްކުރަން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

"ފޯނުން ޓިކެޓް ބުކް ކުރެވޭނެ. ނަންބަރު ފަހުން އާންމު ކުރާނަން،" މަރީ ބުންޏެވެ.

އޭޕްރީލް 21 ގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމުގެ ޕްރިމިއާ ނައިޓްގައި ހާއްސަ ސަޕްރައިޒެއް އޮންނާނެ ކަމަށް މަރީ ބުންޏެވެ.

"އޭގެ ތަފްސީލު ދެވޭކަށް ނެތް ސަޕްރައިޒެއްވީމަ،" އޭނާ ބުންޏެވެ.

ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ އެޑިޓިންގެ މަސައްކަތްތައް ކަމަށް މަރީ ބުންޏެވެ.

އެ ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ ސްރީލަންކާގައެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް)ގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އެވެ. މީގެ އިތުރުން ފިލްމުގެ ސައިޑް ރޯލަކުން ލަންކާގެ ތަރިއަކުވެސް ފެނިގެންދާނެއެވެ. ފިލްމުގެ ކެމަރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

އެ ފިލްމުގެ ތީމް ލަވަ އާއެކު ޖުމްލަ ހަތަރު ލަވަ ހިމެނޭނެއެވެ. އޭގެ ތެރޭގައި މީގެ ކުރިން ދިވެހިންގެ މެދުގައި މަގުބޫލުވި ލަވަތައްވެސް ހިމެނެއެވެ.

"ހިތު ވިންދު"، "ސަޒާ"، "ސިއްރު" އަދި "ހިތުގެ އެދުން" ފަދަ މަގްބޫލު ދިވެހި ވާހަކަތައް ލިޔެފައިވާ މަރީގެ ފުރަތަމަ ޑައިރެކްޝަން އޭނާގެ ވާހަކަތަކާ އެއްވަރަށް އަސަރުގަދަވާނެ ކަމާމެދު ޝައްކެއް ނެތެވެ.

"ތިޔަ ލޯތްބާ ދުރަށް" އުފައްދާފައިވަނީ މަރީގެ ވާހަކައެއްގެ މައްޗަށެވެ.

ތިނެސްކަން ލޯބީގެ މި ފިލްމުގެ އިންތިޒާރުގައި މަރީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ތިބޭނެ ކަން ޔަގީނެވެ.