02 Jan 2018, 16:41
އޮޑި ދޯނި ފަހަރު ބަނުމަށް މަޝްހޫރު އަލިފުއްޓަށް އުފަން ހަސަން އަލީ ނުވަތަ މަޝްހޫރު ނަމުން ނަމަ އިނގިރޭސި އަލީގެ މަސައްކަތްތައް ބޮޑަށް ބިނާވެފައި އޮންނަނީ މާލޭގައި ހުންނަ އޭނާގެ ކުންފުނީގެ މައި އޮފީހުގަ އެވެ. ނަމަވެސް ކުންފުނީގެ ދަށުން އަލިފުށީގައި ބޯޓު ފަހަރު ބަނުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމަށް ދޭތެރެ ދޭތެރެއިން އޭނާ ރަށަށް ގޮސް އުޅެއެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަސަން އަލީ އަލިފުއްޓަށް ދިޔައީ ވެސް އެފަދަ ދަތުރެއްގަ އެވެ. އާދައިގެ މަތިން މިފަހަރު ވެސް އޭނާ ހުރީ އަލިފުށީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ރީތި ކޮށް ހަދާފައި ހުރި އެ ގޭގައި އުޅެނީ ހަމައެކަނި ހަސަން އަލީ އެވެ. އޭނާ މާލެ ދާ ދަތުރުތަކުގައި އެ ގެ ހުންނާނީ ފަޅަށެވެ.
ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އެގޭގައި ނިދާފައި އޮއްވާ ކުއްލިއަކަށް ހޭލެވުނީ ބާރު އަޑުފައްގަނޑަކާއެކު އެވެ. އޭރު ގޭގެ މައި ދޮރު ކައިރީގައި ބަހައްޓާފައި ހުރި އަމިއްލަ ސައިކަލުގައި ހުޅުހިފާފައި ހުއްޓާ އޭނާއަށް ފެނުނެވެ. އަލިފާންގަނޑު ދިޔައީ ގެއަށް ވެސް ފެތުރެމުންނެވެ.
އަވަސް އަރުވާލާފައި ގޭ ކައިރީގައި ހުރި އަވަށްޓެރި ގެތަކުން ނެރެ އެހީއަށް އެދުމަށް އޭނާ ދުއްވައިގަތެވެ. މީހުންނަށް ގޮވާފައި ގެއަށް އައިއިރު ގޭގެ ވަށައިގެން އޮތީ އަލިފާން ހިފާފައެވެ. ހަސަން އަލީ ބުނާ ގޮތުން މީހުންނަށް ގޮވަން ދިޔަތާ ވާނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ.
"ލަފާ ކުރެވެނީ މިއީ ބަޔަކު ކުރިކަމެއް ކަމަށް. ސައިކަލެއްގެ ރޮލެއް ނުވާނެ އަމިއްލައަކަށް. ދެ ލޮލުން ރޯވެފައި ހުއްޓާ ފެނުނު. ޕެޓްރޯލް ވަސް ވެސް ހުރި. ލަފާ ކުރެވެނީ މިއީ ހަމަ ދުވަސް ދުއްވާލަން ކުރި ކަމެއް ކަމަށް،" ހާދިސާ 'ސަން' އަށް ކިޔައިދެމުން ހަސަން އަލީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެރޭގެ ފަތިހު ގާތްގަނޑަކަށް 3:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އާންމުންގެ ގާތްގަނޑަކަށް 40 ވަރަކަށް މީހުންގެ ބައިވެރިވެ ނިއްވާލިއިރު، ގެ އޮތީ އެއްކޮށް އަދައި ހުލިވެފަ އެވެ.
ގާތްގަނޑަކަށް ގޭގެ 99 ޕަސެންޓް ބޭނުން ނުކުރެވޭ ވަރަށް އަދައިގެން ދިޔައިރު ގެއްލުމުގެ އަގު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހަސަން އަލީ ލަފާ ކުރެ އެވެ.
އޮޑި ދޯނި ފަހަރު ބަނުމާއި ޑިޒައިން ކުރުމައި 26 އަހަރު ހޭދަކޮށްފައިވާ އަދި މިދިޔަ އަހަރުގެ ގައުމީ ހިތްވަރު ދިނުމުގެ އެވޯޑް ލިބުނު ހަސަން އަލީ ލަފާ ކުރާ ގޮތުން އޭނާގެ ދުވަސް ދުއްވާލަން ބަޔަކު މަސައްކަތް ކުރަމުންދަނީ ވިޔަފާރީގެ ޖެހިފައި އުފެދިފައި ހުރި ދެބަސްވުން ތަކެވެ.
ނަމަވެސް އެއީ ސީދާ ކާކު ކުރި ކަމެއް ބުނާކަށް އޭނާއަކަށް ވެސް ނޭނގެ އެވެ.
ފުލުުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކްގެ ޓީމެއް މިހާރު އަލިފުއްޓަށްދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.