02 Jan 2018, 15:35
ދެހާސް ސޯޅަވަނަ އަހަރުގެ ތަފާސް ހިސާބުތަކާއި 2017 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ދިޔަ އަހަރަކީ ކުށް ކުރުން މަދުވި އަހަރެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ދުވަހަކު ވެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅޭ މައްސަލަތަކުގެ ރިޕޯޓް އެ ސާވިސްގެ ވެބްސައިޓްގައި އާންމު ކުރާއިރު މުޅި 2017 ވަނަ އަހަރަށް ބަލައިރު ކުށްކުރުން ވަނީ ފަސް ޕަސެންޓަށް މަދުވެފަ އެވެ.
އެ ސާވިސްއަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2016 ވަނަ އަހަރު ވަނީ މާރާމރީގެ 782 މައްސަލައެއް ހުށައެޅިފަ އެވެ. އެ އަދަދު މިދިޔަ އަހަރު ވަނީ 770 އަކަށް މަދުވެފަ އެވެ.
ވައްކަމަށް ބަލާއިރު 2017 ވަނަ އަހަރު ވަނީ ޖުމުލަ 3503 މައްސަލައެއް ހުށަހަޅައިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 3617 މައްސަލަ އެވެ. މިދިޔަ އަހަރު ފޭރުމުގެ 662 މައްސަލަ ހުށަހަޅާފައިވާ އިރު 2016 ވަނަ އަހަރު ވަނީ 716 މައްސަލައެއް ފުލުހުންނަށް ހުށައާޅާފަ އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކަށް ބަލާއިރު ވޭތުވެ ދިޔަ އަހަރުވަނީ 2038 މައްސަލައެއް ރިޕޯޓްކޮށްފަ އެވެ. އަދި 2016 ވަނަ އަހަރު އެ އަދަދު އުޅެނީ 2378 ގައެވެ. 2017 ވަނަ އަހަރު ވަނީ ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. އެ ގޮތުން ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ވަނީ 10 މިލިއަން ރުފިޔާގެ މަސްތުވާތެކެތި އަތުލައިގަނެފަ އެވެ.
ޖިންސީ ހާނިކަ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2017 ވަނަ އަހަރު ޖިންސީ ހާނިކައިގެ ގޮތުގައި ޖުމުލަ 417 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ދެ ހާސް ސޯޅަ ވަނަ އަހަރު ހުށަހެޅުނީ 467 މައްސަލަ އެވެ. ގެވެށި އަނިޔާއަށް ބަލައިރު 2017 ވަނަ އަހަރު ރިޕޯޓްކޮށްފައި ވަނީ 279 މައްސަލަ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށްބަލާ އިރު މިދިޔަ އަހަރުވަނީ 2105 ޓްރެފިކް އެކްސިޑެންޓް ރެކޯޑްކުރެވިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 2242 އެކްސިޑެންޓެވެ. މަކަރާއި ހިލަތް ހަދައިގެން 2017 ވަނަ އަހަރު 518 މައްސަލަ ފުލުހުންނަށް ވަނީ ހުށައެޅިފަ އެވެ.
ވޭތުވެ ދިޔަ އަހަރު ގަސްދުގައި ޖަތް މީހަކު މަރާލާފައިވާ އިރު ފުލުހުން ވަނީ އެ ހުރިހާ މައްސަލައެއްގެ ވެސް ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވާފަ އެވެ.