02 Jan 2018, 15:13
ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑިޕީގެ ރިޔާސީ ޓީކެޓް ހޯދުމާށް ޝާހިދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ މިހާރު މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަ ދޮގު ކުރައްވައި ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ސާބިތުކަމާ އެކު ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަމަށެވެ.
"އަޅުގަނޑު ސާބިތުކަމާ އެކު މިހުރީ ރައީސް ނަޝީދާ އެކު އެމްޑީޕީއާ އެކު. ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު ރައީސް ނަޝީދު 2018 ކާމިޔާބުކުރައްވާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ބަޔަކު އެމަނިކުފާނާ ގުޅުވައިގެން ހަގީގަތެއް ނެތް ވާހަކަ ދައްކަމުންދަނީ އެމްޑިޕީތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށާއި ނަމަވެސް އެމްޑީޕީގެ "ސަފުތައް ފޫއަޅުވާލުމަށް ކުރަމުންދާ މަސައްކަތް ވާނީ ނާކާމިޔާބު" ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވި އިރު އެމްޑީޕީން ވަނީ އަންނަ މޭ މަހުގެ ތެރޭގައި އެޕާޓިގެ ޕްރައިމަރީ ބާއްވާނެކަން އިއުލާންކޮށްފަ އެެވެ. އެކަން އިއުލާންކުރައްވަމުން އެ ޕާޓިގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ޕާޓިން ބޭނުން ވަނީ ރައީސް ނަޝީދު އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން ކަމަށެވެ. ނަމަވެސް އެ ޕާޓީ އަކީ ޑިމޮކްރަޓިކް އުސޫލުތަކަށް ތަބާވާ ޕާޓިއެއްކަމުން ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުުރުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ބޭސްފަރުވާއަަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތް ގޮތަށް އެ މަނިކުފާނު އެނބުރި ވަޑައެއް ނުގަންނަވަ އެވެ.