02 Jan 2018, 15:28
ރިޔާދު (02 ޑިސެމްބަރު): ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ސަރުކާރުން މިހާރު ފަށައިފައިވާ ކެމްޕޭންގެ ދަށުން ހައްޔަރުކޮށްފައިވާ ސައުދީ ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ބައްޕަ ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒް އަލް ސައުދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އެބަދެ އެެވެ.
އަށްޑިހަ ހަ އަރުގެ ޕްރިންސް ތަލާލް، އޭނާގެ ދަރިފުޅު ވަލީދު ހައްޔަރުކުރި ދުވަހުން ފެށިގެން އެއްވެސް އެއްޗެއް ފަރިއްކުޅުއްވުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ކިންގް ފައިސަލް ހޮސްޕިޓަލުގައި މިހާރު އޮންނެވި ތަލާލްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ 10 ކިލޯ ވަނީ ލުއިވެފަ އެވެ.
ސައުދީ ސަރުކާރުން ވަނީ ޕްރިންސް ވަލީދުގެ އިތުރުން ޕްރިންސް ތަލާލުގެ އިތުރު ދެ ދަރިން ވެސް ހައްޔަރުކޮށްފަ އެވެ.
ޕްރިންސް ތަލާލް ސައުދީ ރަސްގެފާނު ސަލްމާން އަލް ސައުދާ ދެމެދު ނޮވެމްބަރު ބޭއްވި ބައްދަލުވުމުގައި އެއްވެސް ވަރަކަށް އޭނާގެ ދަރިން ހައްޔަރުކޮށްފައިވާ މައްސަލާގައި ވާހަކަ ދައްކައިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަށާރަ ބިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުރި ޕްރިންސް ވަލީދަކީ މުޅި މެދުއިރުމަތީގައި ވެސް ހުރި އެންމެ މުއްސަނދި ބޭފުޅާ އެވެ. ވަލީދުގެ ހިއްސާ ދުނިޔޭގެ މަޝްހޫރު ފޯ ސީޒަން ހޮޓަލާއި ސިޓީގްރޫޕާއި އެޕަލް އަދި ޑިޒްނީގައި ހިމެނެ އެވެ.
އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ހަ ބިލިއަން ޑޮލަރު ދެއްކުމަށް ސައުދީން ދަނީ ވަލީދަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުން ކަމަށެވެ.
ސައުދީގެ ވަލީއަހަދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިސްވެ އުފައްދަވައިފައިވާ އެންޓި ކޮރަޕްޝަނު ކޮމެޓީން އެގައުމުގެ އެތަކެއް ޕްރިންސުންނާއި ވަޒީރުންގެ އިތުރުން ވިޔަފާރިވެރިން ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން ގިނަ ބަޔަކު ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާ ދެއްކުމުން ވަނީ ދޫކޮށްލައިފަ އެވެ.
މުހަައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅު ވަރަށް އަގު ބޮޑު ތަކެތި އޭނާ ބައްލަވައިގަންނަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނިއު ޔޯކްޓައިމްސް އިން ބުނީ ޕެރިސް އިން ގެއެއް 300 މިލިއަން ޑޮލަރަށް މުހައްމަދު ބައްލަވައިގެންފައިވާ ކަމަށެވެ.
މަސްދަރު: ޕްރެސްޓީވީ