ވޮޝިންޓަން (ޖަނަވަރީ 2) : ސައޫދީގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާ ޒުވާން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެ ގައުމުގެ ޝާހީ އާއިލާގެ ޚަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވެ ވަޑައިގަންނަވާ ކަމަށް ސައޫދީގެ މަޝްހޫރު ސިޔާސީ މުހައްލިލު އަދި ލިޔުންތެރިޔާ ޖަމާލް އަލް ޚާޝޫގްޖީ ވިދާޅުވެއްޖެ އެވެ.

"އަލްއަރަބީ" ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ޚާޝޫގްޖީ ވިދާޅުވީ ސައޫދީ ޝާހީ އާއިލާގައި ސަރުކާރުން ބޮޑުމުސާރައާއި އިނާޔަތްތަކާ އަދި މަހުއެތިކޮޅާ އަދި ދިރިއުޅޭނެ ގަނޑުވަރުތަކާއި ޚާދިމުންނާއި ކާރުތައް ދީފައިވާ 10،000 އަމީރުން އުޅުއްވާ ކަމަށާއި ޝާހީ އާއިލާއަށް ކުރަން ޖެހޭ ބޭކާރު މި ޚަރަދުތަކުގެ ސަބަބުން ސައޫދީ ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުވެފައިވާ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ ފަސާދައިގެ އަމަލުތައް ބޮޑުވެ އާންމު ރައްޔިތުން ކަންކަން ހާސިލް ކުރުމަށް ޓަކައި ޝާހީ އާއިލާގެ ބޭފުޅުންނަށް ސަލާމް ޖެހުމުގެ އާދަކާދަ އަށަގެންފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ރާއްވަވާފައި ވަނީ ސަރުކާރުން މުސާރައާއި މަހު އެތިކޮޅާއި އިނާޔަތްތަކާއި ގެދޮރާއި ކާރާއި ޚާދިމުންދޭ ޝާހީ އާއިލާގެ މެންބަރުންގެ އަދަދު ވަރަށް ބޮޑުތަން ކުޑަކޮށްލުމަށް ކަމަށާއި މިއީ އގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަނގަނޅު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ޚާޝޫގްޖީ ވިދާޅުވި އެވެ.

ސައޫދީ މުހައްލިލު އަދި ލިޔުންތެރިޔާ ޖަމާލް އަލްޚާޝޫގްޖީ

ޚާޝޫގްޖީ އަކީ ސައޫދީ ސަރުކާރަށް ބިނާކުރަނިވި ގޮތަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެއްވެސް ގޮތަކަށް ސަރުކާރަށް ފާޑުކިޔުމަކީ ސައޫދީގައި ހުއްދަނޫން ކަމަށްވާތީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ސައޫދީއަށް ވަޑައިގަންނަވަން ޖެހިލުންވާތީ ޚާޝޫގްޖީ މިހާރު ދިރިއުޅުއްވަނީ އެމެރިކާގަ އެވެ.

"އަލްއަރަބީ" ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޚާޝޫގްޖީ ވިދާޅުވީ މުހައްމަދު ބިން ސަލްމާން އުޅުއްވަނީ ޝާހީ އާއިލާގެ މިހާލަތަށް އިންގިލާބެއް ގެންނަވަން ކަމަށާއި މިކަން ކުރައްވައިފި ނަމަ ސައޫދީ ރައްޔިތުންގެ ތާއީދު ބިން ސަލްމާނަށް ބޮޑުވެގެންދާނެ ކަމުގަ އެވެ. ޝާހީ އާއިލާގެ މެންބަރުންނަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ބޮޑުކަމުން ސައޫދީ ރައްޔިތުން ތިބެނީ ހިތްހަމަ ނުޖެހިފައި ކަމަށާއި ރަސްމީ މަގާމުތަކުގައި ނުތިއްބަވާ ޝާހީ އާއިލާގެ ބޭފުޅުންގެ ޚަރަދުތައް ކަނޑާލައިފި ނަމަ ރައްޔިތުންގެ ތާއީދު މުހައްމަދު ބިން ސަލްމާނަށް މިހާރަށް ވުރެ ބޮޑަށް ލިބޭކަމަށް ވެސް ޚާޝޫގްޖީ ވިދާޅުވި އެވެ.

ސައޫދީގައި އިއްޔެވަނީ ފުރަތަމަ ފަހަރަށް ތެލުގެ ބާވަތްތަކުން ޓެކްސް ނަގަން ފަށައިފަ އެވެ. މިއީ އެގައުމަށް ތެލުން ލިބޭ އާމްދަނީ ކުޑަވަމުންދާތީ އިގްތިސާދު އިސްލާޙް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. މިފިޔަވަޅާ ގުޅިގެންނާއި ސައޫދީގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ ސައޫދީ ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވާކަން ހާމަ ކުރަމުންނެވެ.

މުހައްމަދު ބިން ސަލްމާން ގެންދަވަނީ ސައޫދީ މުޖްތަމައު މިހާރަށް ވުރެ ބޮޑަށް ހުޅުވާލައި އެގައުމުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުން މިހާރަށް ވުރެ ބޮޑު މިނިވަންކަމެއްދީ ދީނުގެ ނަމުގައި ހިފަހައްޓާފައިވާ ސައޫދީ ބައެއް އާދަކާދަތައް ދޫކޮށްލުމަށް މަސައްކަތް ކުރައްވަމުންނެވެ. ސައޫދީ ރަސްގެފާނު ދާދިފަހުން ވަނީ ސައޫދީގައި އަންހެނުން ކާރުދުއްވުމަކީ މަނާކަމެއް ކަމަށް އެގައުމުގެ ކުރީގެ މުފްތީ އަބްދުލްއަޒީޒް އަބްދުﷲ ބިން ބާޒް ނެރުއްވާފައިވާ ފަތްވާ ބާތިލް ކުރުމުގެ ޝާހީ އަމުރެއް ނެރުއްވާފަ އެވެ.

އަދި ސައޫދީ ސަރުކާރުން ވަނީ އެ ގައުމުގައި ކުރިން ބާރުގަދަ މުއައްސަސާއެއްގެ ގޮތުގައި އޮތް ދީނީ ފުލުހުންގެ ބާރު ކަނޑުވާލައި ސިނަމާ ހުޅުވުމަށް ހުއްދަ ދީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ފެންވަރަށް ޓޫރިޒަމްގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ވެސް ދީފަ އެވެ. އަދި އަންހެނުންނާއި ފިރިހެނުން އެކީގައި ސްޓޭޑިޔަމްތަކަށް ވަދެ ކުޅިވަރުތައް ބެލުމާއި އާދައިގެ މިޔުޒިކީ ހަފްލާތައް ބޭއްވުމުގެ ހުއްދަ ވެސް ސައޫދީ ސަރުކާރުން މިހާރު ވަނީ ދީފަ އެވެ. ސައޫދީ ވަލީއުލްއަހްދު ވަނީ އެގައުމުގެ އާބާދީގައި ޒުވާނުން ގިނަކަމުން ޒުވާނުން އެދޭއެދުންތަކަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)