ބްރެޒިލްގެ ގޮއިއާސް ސްޓޭޓްގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ނުވަ މީހުން މަރުވެ 14 މީހަކު ޒަޚަމްވެއްޖެއެވެ.

އެ ހަދިސާގައި އެކެއްގެ ބޯވެސް ވަނީ ބުރިކޮށްލައިފައެވެ.

ބްރޒިލްގެ ސަރުކާރުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ޖަލުގެ ދެ ގްރޫޕަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ގޮދަނޑިއެއްގައި އަލިފާން ރޯކޮށް ހަމަލާތައް ދޭން ފެށުމުގެ ސަބަބުންނެވެ.

އަލިފާންނިއްވާ މީހުން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު 106 މީހުން ވަނީ ޖަލުން ފިލައިފައެވެ. ނަމަވެސް ފަހުން އޭގެ ތެރެއިން 29 މީހަކު ވަނީ ހައްޔަރުކޮށްފައެެވެ.

ބްރެޒިލްގެ އެމެޒޯނާސް ސްޓޭޓުގެ ޖަލަކުން ވެސް ހޯމަ ދުވަހު ވަނީ 10 މީހުން ފިލައިފައެވެ.

ބްރެޒިލްގެ ޖަލުތަކުގައި ހަމަނުޖެހުންތައް ހިނގުމަކީ އާންމު ކަމެކެވެ.

އެ ހަދިސާ ހިނގިއިރު ޑިއުޓީގައި ތިބީ އެންމެ ފަސް އޮފިސަރުންނެވެ. އަދި ޖަލުގެ އެ ސަރަހައްދުގައި އެ ފަސް މީހުން 900 މީިހުން ދިޔައީ ބަލަހައްޓަމުންނެވެ.

މުޅި ދުނިޔޭގައި ވެސް ތިންވަނައަށް އެންމެ ގިނަ މީހުން ޖަލުގައި ތިބޭ ގައުމަކީ ބްރެޒިލްއެވެ. އެގައުމުގެ ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި އެގައުމުގެ ޖަލުތަކުގައި 726،712 މީހުން ޖަލުގައި ހައްޔަރުކޮށްފައި ވެއެެވެ. ނަމަވެސް މިއީ އެގައުމުގެ ޖަލުތަކުގައި މީހުން ބެހެއްޓުމަށް ކަނޑައަޅައިފައިވާ މިންވަރަށްވުރެ ދެ ގުނަ ބޮޑުއަދެކެވެ.