ތެހެރާން (02 ޑިސެމްބަރު): އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ހަަމަނުޖެހުން އުފައްދައް އުޅުނު "އޭޖެންޓުން"ތަކެއް އަތުލައިގެންފި ކަމަށް އީރާނުގެ ޖާސޫސީ މިނިސްޓްރީން ބުނެފި އެވެ.

އީރާނުގެ ޖާސުސީ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އިރާނުގެ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް އިއްވުމަށް ސުލްހަވެރިކަމާ އެކު ފެށި މުޒާހަރާތައް ބަޔަކު ހައިޖެކްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ދަނީ އެގައުގެ އެކި މުވައްސަސާތަކަށް ގެއްލުންދީ ހަދަމުން ކަމަށް ވެސްބަޔާނުގައި ބުންޏެވެ.

އީރާނުގެ އަސްކަރިއްޔާއާއީ އިރާނުގެ ރައްޔިތުންނާ ގުޅިގެން އެގައުމުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުން އުފައްދަން އުޅުނު " އޭޖެންޓުން" ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އިތުރު ފަރާތްތައް ހައްޔަރުކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އީރާނުގެ ރައްޔިތުން ދަނީ އެގައުމުގައި ތަކެތީގެ އަގުތައް އުފުލި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ބުނެ މުޒާހަރާކުރަމުންނެވެ.

މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެފައިވާ އިރު މިހާތަނަށް ބާރަ މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުން ވަނީ ބުނެފަ އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އެގައުމުގެ ރައްޔިތުން މުޒާހަރާކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ނަމަވެސް ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުން ބޭނުންވާ ކަންކަން ހާމަކުރުމަށް ޓަކައި ކުރާ މުޒާހަރާތަކުން ގައުމުގެ އަމަން އަމާންކަން ނަގާލައި ގައުމުގައި ފިތުނައާއި ބައިބައިވުން އުފައްދައި ތަންތަނަށް ގެއްލުންދޭ ފަދަ ހާލަތަކަށް ބަދަލުވެގެންދާ ނަމަ އެއީ ޑިމޮކްރަސީ ނޫންކަމަށާއި އެފަދަ ޙާލަތެއްގައި އެކަން ހުއްޓުވާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

މަސްދަރު: ޕްރެސް ޓީވީ