ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމަށް އޭނާގެ ވަކީލުންގެ ޓީމުން ނިންމައިފިއެވެ.

ފާރިސްގެ ވަކީލުންގެ ޓީމުން ބުނީ، ގާނޫނާ ހިލާފަށް ފާރިސް ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

"މި ބަލަނީ އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅަން. ހުށަޙެޅުމަށްފަހު އޭގެ ތަފްސީލް އަޅުގަނޑުމެން ހާމަކުރާނަން،" ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލެއް ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. ފާރިސްގެ މައްޗަށް ދައަލުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިސްވަތު ދިން ކަމުގެ ދައުވާއަކާއި ޝަހުސު އޮޅުވާލުމުގެ ދައުވާއެކެވެ.

ފާރިސްގެ މައްޗަށް ދެ ދައުވާ އުފުލާފައިވާ އިރު މެންބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ ކޯޓުން ހުކުމްކޮށްފައެވެ.