އަމީނީމަގު، ވިޔަފާރިވެރިންގެ ޖަމިއްޔާއާ އިންވެގެން ހުންނަ އަވިސްތާ ކެފޭ ބަދިގޭގައި ކައްކާ ގޭސްލީކުވެ، ގޭސް ފުޅިތަކުގައި ރޯވަމުންދަނިކޮށް ނިއްވާލައިފި އެވެ.

އަވިސްތާ ކެފޭގެ ވެރިޔާ އަހުމަދު އައްސަދު މިރޭ ވިދާޅުވީ މިއަދު ހަވީރު ރޯއްދަވީލުމަށް އެއްޗެހިތަކެއް ތައްޔާރު ކުރަމުންދަނިކޮށް އެ ކެފޭގެ ބަދިގޭގައި ހުރި ކައްކާ ގޭސްފުޅިއަކުން ގޭސް ލީކުވެ، އަލިފާން ރޯވެ ބަދިގޭގައި ހުރި ބައެއް އެއްޗެއްސައް ގެއްލުންވެފައިވާ ކަމަށެވެ. އަދި އަލިފާން ރޯވުމުން ކެފޭގައި މަސައްކަތް ކުރާ މީހުން ފުރަތަމަ ވެސް ފެންޖެހުމުން އަލިފާންގަނޑު އިތުރަށް ރޯވާންދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާންގަނޑު ފެތުރުމުގެ ކުރިން ކޮންޓްރޯލް ކުރެވުނު ކަމަށް އައްސަދު ވިދާޅުވި އެވެ.

"ގޭސްފުޅިއެއްގައި ރޯވީމާ މިކުދިން ]ކެފޭގައި މަސައްކަތް ކުރާ މީހުން[ އާވެގެން ފުރަތަމަ ވެސް ފެން ޖެހީ. ދެން އަލިފާންގަނޑު ]ބޮޑަށް ހުޅުހިފީ[ އެކަމަކު އަލިފާން ނިއްވާ ފުޅިން ޖަހާލީމާ އެކަން ރަގަނޅުވެއްޖެ. އެހެން ނަމަވެސް ގެއްލުންތަކެއް ލިބުނު،" އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭސް ލީކުވެގެން އަލިފާން ރޯވުމުން ބަދިގޭގައި ހުރި ކަބަޑަކާއި ހޮޅިބުރިތައް އަނދާފައިވާ ކަމަށެވެ. ނަމަވެސް މާބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މި ރޭ ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތު އަވިސްތާގައި ކައްކާ ގޭސް ލީކުވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ގޮސް އެހީތެރިކަން ފޯރިކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ގޭސް ލީކުވާންދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.