އިސްރާއިލުން ހައްޔަރުކުރި ފަލަސްތީނުގެ މަޝްހޫރު ކުޑަކުއްޖާ އަހަދު ތަމީމީއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

އަހަދު އާ ދެކޮޅަށް އިސްރާއިލުން އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި އިސްރާއިލުގެ ސިފައިންގެ މީހެއްގެ ގައިގައި ޖެހުމާއި ސިފައިންގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރުން އިސްރާއިލުގެ ސިފައިންނާ ދިމާއަށް ގާ އުކުން ވެސް ހިމެނެ އެވެެ.

ރަންކުލައިގެ ބުޅި ރީތި އިސްތަށިގަނޑެއް ލިބިފައިވާ އަހަދު ތަމީމީއަކީ ފަލަަސްތީނުގެ މަޝްހޫރު އެކްޓިވިސްޓެކެވެ. ސޯޅަ އަހަރުގެ އަހަދު އިސްރާއިލުން ހައްޔަރުކޮށްފައި ވަނީ އިސްރާއިލުގެ ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖަހާ ތަން ފެންނަ ވީޑިއޯއެއް އާންމުވި ފަހުންނެވެ.

ތަމީމީ އިސްރާއިލުގެ ސިފައިންގެ މީހާގެ މޫނުމަތީގައި ޖެހީ އެ ސިފައިންގެ މީހާ އޭނާގެ ދެބެންގެ ދެދަރި ނޫރުގެެ މޫނަށް ރަބަރު އުންޑަ ޖެހުމުގެ ސަބަބުން އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން އައި ރުޅީގަ އެވެ. އެ ހާދިސާގައި ނޫރު ތިން ދުވަސް ވަންދެން ކޯމާއެއްގައި ވެސް އޮތެވެ.

ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓު އަހަދު ތަމީމީ އިސްރާއިލުގެ ސިފައިންގެ މީހަކާ ކުރިމަތިލަނީ

އިސްރާއިލުން ވަނީ ނޫރުގެ އިތުރުން އަހަދުގެ މަންމަ ވެސް އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

އަހަދުގެ ބައްޕަ ބައްސާމް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އިސްރާއިލުން މަސައްކަތްކުރަނީ އަހަދު ގިނަ ދުވަސްތަކަަކަށް ޖަލަށް ލުމަށް ކަމަށެވެ. އަދި އޭނާއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް ބައްސާމް ބުންޏެވެ.

އަހަދެކޭ އެއްފަދައިން ބައްސާމަކީ ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓެކެވެ.