02 Jan 2018, 12:34
މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމި ފުރިހަމަ ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ މަރުގު ހުކުމް ތަންފީޒުކުރުމަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނީ ކޮން އިރަކު ކަން ބުނަން ނޭނގޭ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
"މަރުގެ ހުކުމް ތަންފީޒްކުރުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައި މިހާރު އެވަނީ އިނގޭތޯ،" އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާއި މަރުގެ ހުކުމް ތަންފީޒްކުރާނެ ތަނެއް ހެދުން އެއީ ދެކަމެއް ކަމަށާއި އިޖުރާއަތްތައް ފުރިހަމަކުރުމުން މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ހޯމް މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ތަންފީޒު ކުރަން ނިންމާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ މައްސަލަތަކުގައި އިއްވާ މަރުގެ ހުކުމް އެކަންޏެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އެ ހުކުމް ތަންފީޒު ކުރެވޭނީ ދަށު ކޯޓުން އިއްވާ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.
މިހާތަނަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނީ ތިން މީހަކަށެވެ. އެއީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި ކަމުގެ ކުށް ސާބިތުވި ގ. ރީފް މުހައްމަދު ނަބީލްގެ އިތުރުން ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ އަހުމަދު މުއްރަތު އެވެ.