ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ ސަރުކާރުގެ އިންފޮމޭޝަނާއި އަދި ޑިފެންސް މިނިސްޓަރުގެ މަގާމަށް އާ ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް އަލީ އަބްދުﷲ އައްޔޫބް އެވެ. މީގެ ކުރިން ސީރިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ފަހަދު ޖާސިމް އަލް ފުރައިޖް އެވެ.

އަލަށް ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި އައްޔޫބަކީ ސީރިއާގެ ރައީސް ބައްޝާރުގެ ނިސްބަތްވާ އަލާވީ މަޒްހަބަށް ނިސްބަތްވާ ބޭފުޅެކެވެ. އަލާވީ މަޒްހަބަކީ ޝީއީންގެ މަޒްހަބުތަކުގެ ތެރޭގައި ހިމެނޭ މަޒްހަބެކެވެ.

އިންފޮމޭޝަން މިނިސްޓްރީގެ މަގާމަށް ސީރިއާ އިން އައްޔަނުކުރައްވައިފައި ވަނީ އިމާދު އަބްދުﷲ ސާރާއެވެ. އޭނާއަކީ ކުރިން ސީރިއާގެ ރޭޑިއޯއާއި އަދި ޓީވީގެ އެންމެ އިސްވެރިޔާ އެވެ.

ސީރިއާ އިން ވަނީ އިންޑަސްޓްރީ މިނިސްޓަރު ކަމަށް ވެސް އާބޭފުޅަކު އައްޔަނުކޮށްފަ އެވެ. އިންޑަސްޓްރީ މިނިސްޓަރު ކަމަށް އަލަށް އައްޔަނުކޮށްފައި ވަނީ މުހައްމަދު މާޒިން އަލީ ޔޫސުފް އެވެ.

ސީރިއާއިން މިހާރު ވެސް ދޭތެރެ ދޭތެރެއިން ދަނީ އައިއެސް ފަދަ ހައްދު ފަހަނައަޅައިފައިވާ ގްރޫޕްތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

އިރާނާއި އަދި ރަޝިއާގެ ފުރިހަމަ މަދަދު ލިބިގެން ސީރިއާ އިން ގިނަ ހައްދުފަހަނަ އަޅައިފައިވާ ގްރޫޕްތައް ނައްތާލައިފައިވާއިރު މިހާރު ވެސް ސީރިއާގެ އިރުމަތީ ގިނަ ހިސާބުތަކެއް ކޮންޓްރޯލް ކުރަމުންދަނީ ކުރުދީ ހަނގުރާމަވެރިންނެވެ.