02 Jan 2018, 13:06
ސޯލް (ޖެނުއަރީ 2): އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކް ގޭމްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިމަހުގެ ނުވައެއްގައި ބައްދަލުކުރުމަށް ދެކުނު ކޮރެއާ އިން ހުށަހަޅައިފި އެވެ.
ދެކުނު ކޮރެއާ އިން އެހުށަހެޅުން އިއުލާން ކުރީ މި އަހަރުގެ ވިންޓާ އޮލިމްޕްސްގައި އުތުރު ކޮރެއާގެ ޓީމެއް ބައިވެރި ކުރުމާ ބެހޭ ގޮތުން އެގައުމުން ވިސްނަމުންދާ ކަމަށް އުތުރުގެ ލީޑަރު ކިމް ކިމް ޖޮންގް އުން ވިދާޅުވި ފަހުންނެވެ. އަދި އެއީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ރަނގަޅު ފުރުސަތެއް ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވިދާޅުވި ފަހުންނެވެ.
ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ހުށަހެޅީ ދެ ކޮރެއާ ގުޅޭ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައި ދެ ގައުމުގެ އޮފިޝަލުން ބައްދަލު ކުރުމަށެވެ.
"[އެބައްދަލުވުމުގައި] އުތުރު ކޮރެއާ އިން ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވުމާ ބެހޭ ގޮތުންނާއި ދެ ކޮރެއާގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އުއްމީދު ކުރަން،" ދެކުނުގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މުޔޮން ގުޔޮން ވިދާޅުވި އެވެ.
އަންނަ އަންގާރައިގައި ބާއްވަން ހުށަހެޅި އެބައްދަލުވުމުގައި ދެ ގައުމުން ބައިވެރިވާނީ ކޮން އޮފިޝަލުންނެއްކަން އަދި ހާމަކޮށްފައި ނުވާ އިރު އެމަޝްވަރާތަކުގައި ބައިވެރިވުމާ ބެހޭ ގޮތުން އުތުރު ކޮރެއާއިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން އެންމެ ފަހުން މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތައް ދެގައުމުން ހާމައެއް ނުކުރެ އެވެ. (ބީބީސީ)