02 Jan 2018, 12:42
ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ ކެނޑިޑޭޓެއް އިދިކޮޅު ކޯލިޝަންގައި ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނާ ވާދަ ކުރަން ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ހާއްސަ ޕޯލްގެ ނަތީޖާއާ ގުޅިގެން ނިހާ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ "ފާޓް ފުޅާ ކޯލިޝަން"ގައި އެކަމަށް އެކަށޭނެ އެކަކު ވެސް ނެތް ކަމަށެވެ. ނަމަވެސް ވިދާޅުވީ ރައީސް ނަޝީދަށް ވުރެ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރައްޔިތުންނަށް ހެޔޮއެދޭނެ ކަމަށެވެ.
"ތިޔަ ކަމަށް އެކަށޭނެ އެކަކު ވެސް ތިޔަ ފާޓު ފުޅާ ކޯލިޝަންގައި ނެތް. އެކަމަކު އަންނި އަށް ވުރެ ކިތަންމެ ގުނަޔަކުން ގާސިމް އިބްރާހިމް ދިވެހިންނަށް ހެޔޮއެދޭނެ،" ނިހާން އޭނާގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ރާއްޖެ ޓީވީން ރޭގެ ކުރީ ރޭ 24 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޕޯލްގައި ބައިވެރިވި މީހުންގެ އަގުލަބިއްޔަތުން ރައީސް ޔާމީނާ ދެކޮޅަށް ނެރެން ކަމުދާ ކެނޑިޑޭޓެއް ކަމުގައި ބުނެފައި ވަނީ ގާސިމް އިބްރާހީމެވެ. އެ ޕޯލްގެ ދެ ވަނަ އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ލިބިވަޑައިގަތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގަތީ ހަތަރު ވަނަ އެވެ.