02 Jan 2018, 10:52
ވޭތުވެދިޔަ އަހަރު 200 އަށް ވުރެ ގިނަ އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިމާމުންނާއި ހަތީބުން ތަމްރީނުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މާލޭއާ އަތޮޅު ތެރެއިން ޖުމުލަ 206 އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިހާރު ވެސް އިމާމުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެން ދިޔަ ހާއްސަ ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އިމާމުން ތަމްރީނުކޮށްފައި ވަނީ މާލެއިންނެވެ. އެގޮތުން މާލެއިން 54 އިމާމުންވަނީ ތަމްރީނުކޮށްފަ އެވެ. ދެން އެންމެ ގިނަ އިމާމުން ތަމްރީނުކޮށްފައިވަނީ އައްޑޫ ސިޓީއިންނެވެ. އެއީ 47 އިމާމުންނެވެ. ފުވައްމުލައް ސިޓީން 31 އިމާމުން ތަމްރީނުކޮށްފައިވާއިރު ލ. އަތޮޅުން 30 އިމާމުން އަދި ހދ. އަތޮޅުން 32 އިމާމުން ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ތަމްރީނުވި އިމާމުންގެ ތެރޭގައި ސައުދީ އަރަބިއްޔާ އިން ތަމްރީނުތައް ފުރިހަމަ ކުރި 12 އިމާމަކު ވެސް ހިމެނޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމަކީ ހުތުބާ ކިޔާ މީހުންނާއި އިމާމުންގެ ފެންވަރު މަތިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމްގެ ތެރެއިން އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާއި ހުނަރުތައް ދަސްކޮށްދިނުމާއި ގުރުއާން، ފިޤްޙް، މިސްކިތްތަށް ބެލެހެއްޓުމާއި، ކަށުކަމާއި ކެމީގެ ކަންތައްތައް ދަސްކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.