ވޮޝިންޓަން (ޖެނުއަރީ 2): އާ އަހަރު ފެށުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ފުރަތަމަ ޓުވީޓުގައި ޕާކިސްތާނުން އެމެރިކާއަށް ދޮގު ހަދައި އޮޅުވާލި ކަމަށް ތުހުމަތު ކުރައްވައިފި އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓުގައިވާ ގޮތުން ފާއިތުވި 15 އަހަރު ތެރޭ އެމެރިކާ އިން ވަނީ ޕާކިސްތާނަށް 33 ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެމެރިކާގެ ލީޑަރުންނަކީ 'މޮޔައިން ކަމަށް ދެކި، އެގައުމަށް ދޮގު ހަދައި އޮޅުވާލާފައި" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަދި ޕާކިސްތާނުން ދަނީ އަފްގާނިސްތާނުގެ ޓެރަރިސްޓުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.

ޓްރަމްޕްގެ އެޓުވީޓުތަކަށް ރައްދު ދެމުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓްރީން ވަނީ އަލް ގައިދާ ބަލި ކުރުމަށް ޓަކައި އެ ގައުމުން ފާއިތުވި 16 އަހަރު އެމެރިކާއަށް އެއްބާރުލުން ފޯރުކޮށްދިންކަން ފާހަގަކޮށްފަ އެވެ. އަދި އެމެރިކާ އިން ދިން އެހީ ހޭދަ ކުރި ގޮތާ ބެހޭ ތަފްސީލު ދިނުމަށް ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ތުހުމަތު ކުރައްވައި، އެފަދަ ޓެރަރިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ. އަދި އެތުހުމަތުތަކުގެ ސަބަބުން އެމެރިކާ އިން ވަނީ ޕާކިސްތާނަށް ފޮނުވާ ގިނަ އަދަދެއްގެ އެހީ ހުއްޓުވާފައި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)