މި އަހަރު މުޅިން އަލަށް 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު އަލަށް ފަށާ މިސްކިތްތަކުގެ ތެރޭގައި ދައުލަތުގެ ހަރަދުގައި ހަދާ މިސްކިތްތަކާއި ސައުދީ ސަރުކާރާއި ސައުދީ ރަސްގެފާނުގެ އެހީގައި އަލަށް އިމާރާތް ކުރާ މިސްކިތްތައް ވެސް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު އަލަށް މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ރ. ރަސްގެތީމާއި ގދ. ދެއްވަދޫއާއި ގދ. ގައްދޫގެ އިތުރުން ތ. ދިޔަމިގިލީގަ އެވެ. އަދި މާލޭ ސިޓީގައި ވެސް އިތުރު މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަޝްރުއު ވެސް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި މަޝްރޫއުތަކުގެ ތެރޭގައި ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ހަދަމުންދާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނިންމުން ވެސް ހިމަނާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް އިމާރާތް ކުރުމުގެ މަޝްރުއުތައް އަލަށް ފަށައި އަދި މީގެ ކުރިން އިމާރާތްކުރަންފަށާފައިވާ ބައެއް މިސްކިތްތަކުގެ މަސައްކަތް ނިންމައިފަ އެވެ. އެގޮތުން 19 މިސްކިތެއްގެ މަސައްކަތް ނިމި މިދިޔަ އަހަރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.