11 Aug 2011, 21:30
ޕާކިސްތާނަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ ބޯކޮށް ވާރޭވެހި، ކޯރުތައް ފުރި ބަންޑުންޖެހި ފެންބޮޑުވުމުގެ ސަބަބުން، ހާލުގައި ޖެހުނު އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ހިންގި ފަންޑަށް ލިބުނު 4.5 މިލިއަން ރުފިޔާ ގަތަރުގެ ރެޑް ކްރެސެންޓަށް ހަދިޔާކޮށްފި އެވެ.
ޕީކޭ ރިލީފް ފަންޑް ބެލެހެއްޓި ޓީމުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ފަންޑަށް މިހާތަނަށް ލިބިފައިވާ 4494399.86 މިލިއަން ރުފިޔާ ]291456.62 ޑޮލަރު[ ގަތަރު ރެޑް ކްރެސެންޓަށް ހަދިޔާކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެ ފައިސާ ހަވާލުކުރީ ޕާކިސްތާނުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް، ގެދޮރު އަޅައިދިނުމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ގެދޮރު އެޅުމަށް އެހީއެއްގެ ގޮތުގައި އަޅުގަނޑުމެން ފައިސާ ހަވާލުކުރީ. ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު އެބޭފުޅުން އަޅުގަނޑުމެންނަށް އަރުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެފަންޑަށް ލިބުނު ފައިސާ މިހާތަނަށް ފޮނުވުން ލަސްވީ ޑޮލަރު ނުލިބިގެން ކަމަށް ޕީކޭ ރިލީފް ފަންޑުން ބުނެ އެވެ.
ނަމަވެސް، އެންމެ ފަހުން އެފައިސާ ފޮނުވާފައި ވަނީ އިސްލާމިކް ބޭންކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އިސްލާމިކް ބޭންކުން ވަނީ ޑޮލަރަށް ބަދަލު ނުކުރެވި ހުރި 74،000ރ. ޑޮލަރަށް ބަދަލުކޮށްދީ، ފައިސާ ގަތަރު ރެޑް ކްރެސެންޓަށް ވަގުތުން ޖަމާކޮށްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 20 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހި، 2000 އެއްހާ މީހުން ވަނީ މެރުވެފަ އެވެ. އެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ވަނީ ހާއްސަ ޓެލެތޯނެއް ވެސް ބާއްވައިފަ އެވެ.