01 Jan 2018, 21:00
ނިމިގެންދިޔަ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި އިބްރާހިމް އަތީގު ހަސަން މިދިޔަ އަހަރުގެ އެންމެ ކާމިޔާބީ ކްލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ނިއުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނިޔާޒު "ސަން" އަށް މިރޭ ވިދާޅުވީ ހުނަރުވެރި ފޯވާޑު އަތީގު އެކްލަބަށް ސޮއިކުރީ ދިގުމުއްދަތަކަށް ކަމަށެވެ.
"އިބްރާހިމް އަތީގު ހަސަން ފަދަ މޮޅު ކުޅުންތެރިޔަކު އަނެއްކާވެސް މި ކްލަބާ ގުޅުމަކީ މި ކްލަބަށް ލިބޭ އިތުރު ކުރިއެރުމެއް،" ނިޔާޒު ވިދާޅުވިއެވެ.
އަތީގަކީ ނިމިގެންދިޔަ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަވެރި މާޒިޔާގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. އެ މުބާރާތުގައި މާޒިޔާ ރަނަރަޕްކަން ހޯދިއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެފައި ވަނީ އޭނާއެވެ. ހަމައެހެންމެ އެ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ.
ހުނަރުވެރި ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދާއި މިޑްފީލްޑަރު އިބްރާހިމް ރަޝީދު ވެސް ވަނީ މީގެކުރިން ވަނީ ދިގު މުއްދަތަކަށް އެ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.
މިދިޔަ ސީޒަނުގައި މާޒިޔާއަށް އެންމެ މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑު މުހައްމަދު އުމައިރު އާއި ވެލެންސިޔާއަށް ކުޅެފައިވާ ޑިފެންޑަރު ހިޝާން ސަލީމް (ކޮކީ) ވެސް ވަނީ މީގެކުރިން ނިއުއަށް ސޮއިކޮށްފައެވެ.
ނިއުގެ ޓީމްގައި ތިބި ގިނަ ކުޅުންތެރިންނެއްގެ ކޮންޓްރެކްޓު ވެސް އެ ކްލަބުން ވަނީ އާންމުކޮށްފައެވެ. އޭގެތެރޭގައި ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު ފައިސަލް ހިމެނެއެވެ. ކޮންޓްރެކްޓު އާކުރި ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ރިޟުވާން ވަހީދާއި މިދުހަތް ފަހުމީ އާއި ހަސަން އަދުހަމާއި އަކްރަމް އަބްދުލް ޣަނީގެ އިތުރުން އަހުމަދު އަބްދުﷲ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ލުބުނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި ސްޕެއިންގެ މިޑްފިލްޑަރު ލުއިސް ރުއިޒް ޕަޒް (ކަންޑޭލާ) ވެސް ވަނީ ކޮންޓްރެކްޓު އާކޮށްފައެވެ. އެ ކުޅުންތެރިން ކޮންޓްރެކްޓު އާކުރިނަމަވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ، ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެ ކްލަބުގެ ކޮންޓްރެކްޓު އަދި އާކޮށްފައެއްނުވެއެވެ.