01 Jan 2018, 20:10
ފަލަސްތީނުގެ ގާޒާ ސްޓްރިޕް އަދި އިސްރާއީލުން ވެރިވެގަނެފައިވާހުޅަނގުއައްސޭރިން މިދިޔަ އަހަރުގެ ތެރޭގައި ފަލަސްތީނުގެ 6000 އަށްވުރެ ގިނަ މީހުން އިސްރާއީލުގެ ޔަހޫދީ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޖަމިއްޔާތަކުން ބުނެފި އެވެ.
ފަލަސްތީނުގެ ހަތަރު ޖަމިއްޔާ އަކުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ތެރޭގައި ފަލަސްޓީނުގެ 6742 މީހަކު އިސްރާއީލުގެ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 1467 ކުޑަކުދިން ހިމެނޭއިރު 156 އަންހެނުންނާއި ފަލަސްތީނުގެ ގާނޫނު ހަދާ ކައުންސިލުގެ 14 މެމްބަރުންގެ އިތުރުން 25 ނޫސްވެރިން ހިމެނޭ ކަމަށެވެ.
އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު މިނިވަން ކޮށްފައިވާއިރު އިއްޔެއާ ހަމައަށް އިސްރާއީލުގެ ޖަލު ތަކުގައި 6950 ޕަލަސްތީނު މީހުން ހައްޔަރުގައި ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ތެރޭގައި 359 ކުޑަކުދިންނާއި 22 ނޫސްވެރިން އަދި ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރުން ހިމެނެއެވެ. އަދި އެޑްމިނިސްޓްރޭޓިވް ޑިޓެންޝަންސްގެ ގޮތުގައި ފަލަސްތީނުގެ 450 ގައިދީން ބަންދުގައި އެބަ ތިބި ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.
އެޑްމިނިސްޓްރޭޓިވް ޑިޓެންޝަންސްގެ ދަށުން ހައްޔަރު ކުރާ ގައިދީން އެއްވެސް ޝަރީއަތަކާއި ނުލައި ހަ މަހާއި އަހަރަކާ ދެމެދު ބަންދުގައި ބެހެއްޓޭނެ އެވެ.
ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު މިމަހުގެ ތެރޭގައި އިއުލާން ކުރެއްވުމާ ގުޅިގެން ފަލަސްތީނުގެ ސަރަހައްދުތަކުގައި މަސްރަހު ވަނީ ގޯސްވެ، ގާޒާ އާއި ހުޅަނގު އައްސޭރީގައި ދަނީ އެމެރިކާއާއި އެގައުމުގެ ރައީސްއާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުލަމުންނެވެ.
އަދި އިސްރާއީލުގެ ސެކިއުރިޓީ އެޖެންސީތަކުން ހޯދަމުންދާ މީހުން ކަމަށް ބުނެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ގެތަކަށް ވަދެގަނެ ކުށެއްނެތް އާންމުން ހައްޔަރު ކުރުން ވަނީ އިތުރުވެފަ އެވެ.