11 Aug 2011, 20:02
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރަށް ހުރިހާ ފީއަކާއި ޓެކުހެއް ރުފިޔާއިން ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ(އަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ޓެކްސްއަކާއި އެހެނިހެން ފައިސާއެއް ބަލައިގަންނާނީ ރުފިޔާއިން ކަމުގައި ހަމަޖެއްސުމަށް އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުން ނިންމާފައިވާތީ، އެ ނިންމުން ތަންފީޒުކުރުމަށް މީރާ އަށް އަންގާފައިވާ ކަމަށެވެ.
"ވީމާ، 13 އޯގަސްޓް 2011 އިން ފެށިގެން މި ނިންމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ތަންފީޒުކުރެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީން ވާނީ ދަންނަވައިފަ އެވެ." ފިނޭންސްގެ ބަޔާނުގައި ބުނެ އެވެ.
ފިނޭންސުން މީރާއަށް ކެބިނެޓުގެ ނިންމުން ތަންފީޒުކުރުމަށް އަންގާފައިވަނީ، ޑޮލަރުން އަގު ކަނޑައެޅިފައިވާ ގާނޫނުތަކާއި ކޮންޓްރެކްޓްތަކަށް ބަދަލުނުގެންނަހާ ހިނދަކު އެ ފައިސާ ބަލައިގަންނަމުންދާނީ ޑޮލަރުން މީރާއިން ބުނެފައިވަނިކޮށެވެ.
ނަމަވެސް، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް މިރޭ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މީރާއާއެކު މަޝްވަރާކޮށް، އެޓާނީ ޖެނެރަލްގެ ލަފާ ހޯދައިފައިވާ ކަމަށެވެ. އަދި ރުފިޔާއިން ފައިސާ ބަލައިގަތުމާ މެދު ހުރި ގާނޫނީ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި މީރާއިން އަންނަ ހޮނިހިރު ދުވަހު ކެބިނެޓުގެ ނިންމުން ތަންފީޒު ކުރަން ފަށާނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، މިކަމުގައި މީރާގެ އިސް ބޭފުޅެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، ޑޮލަރުން ފައިސާ ބަލައިގަންނަ ގޮތަށް ލާޒިމްކޮށްފައި ހުރި ގާނޫނުތަކާއި ކޮންޓްރެކްޓްތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.