ލިވަޕޫލް، އިންގުލޭންޑް (ރޮއިޓާސް) – ލިވަޕޫލްގެ އުތުރުގައި ހުރި ކާރު ޕާކު ކުރާ އުސް އިމާރާތެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެތަނުގައި ޕާކު ކޮށްފައި ހުރި ހުރިހާ ވެހިކަލެއް އަދާ ހުލިވެއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބައިނަލްއަގުވާމީ އަސް ޝޯއެއް ބާއްވަން ތައްޔާރު ވަމުންދިޔަ އެކޯ އެރީނާ ނަމަކަށް ކިޔާ އިމާރާތަކާ އިންވެެގެން ހުރި ކާރު ޕާކެއްގައެވެ.

އަލިފާނުގެ ހާދިސާގައި އެ ޝޯ ކެންސަލް ކުރިއިރު ކައިރީގައި ހުރި ގެތަކުން މީހުން ހުސްކުރި އެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ލިވަޕޫލްގެ ފުލުހުން ބުނީ، 1600 ވެހިކަލް ޕާކު ކުރެވޭ އެ ކާރު ޕާކިންގައި ހުރި ހުރިހާ ވެހިކަލެއް އަދައިގެން ގޮސްފައިވާ ކަމަށާއި އެެ ތަކެތީގެ އިންޝުއަރެންސް ހޯދުމަށް ވެރިފަރާތްތަކަށް އަންގާފައިވާ ކަަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކާރަކަށް ދިމާވި މައްސަލައެއްގައި އެ ކާރުގައި ރޯވި އަލިފާންގަނޑު އެހެން ކާރުތަކަށް ފެތުރުމުގެ ސަބަބުން ކަމަށް އެ ސިޓީގެ ފުލުހުން ބުނެއެވެ.

އަލިފާންގަނޑު ނިއްވުމަށް ހަ ގަޑިއިރު ހޭދަވިއިރު މާސަސައިޑް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ބުނީ، މިއީ މިހާތަނަށް އެ މީހުންނަށް ދިމާވި އެންމެ ދަތި އެއް ހާދިސާއެވެ.

ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އެ އިމާރާތަކީ 1400 ވެހިކަލް އެއްފަހަރާ ޕާކު ކުރެވޭ އިމާރާތެކެވެ.