01 Jan 2018, 17:55
ޖިނާން (ޒިންހުއާ) - ޗައިނާގެ ސަގާފީ ބޭހެއް ކަމަށްވާ އެޖިއާއޯ އަށް ބޭނުންވާ ހިމާރު ހަން ލިބުން މަދުވުމުން އެޔަށް ނަގާ އިމްޕޯޓްސް ޓެކްސް ކުޑަ ކުރަން ނިންމައިފި އެވެ.
ޗައިނާ ކަސްޓަމްސްގެ ޖެނެރަލް އެޑްމިނިސްޓްރޭޝަނާ ހަވާލާދީ ޒިންހުއާ ނޫހުން ބުނީ، އެގައުމަށް އިމްޕޯޓްކުރާ ވަކި ބަރުދަނެއް ހަމަވާ ހިމާރުގެ ހަމަށް މިއަދުން ފެށިގެން ނަގާ އިމްޕޯޓް ޑިއުޓީ ފަސް ޕަސެންޓުން ދެ ޕަސަންޓަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
ޗައިނާ އަށް ހިމާރު ހަން އިމްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ޕެރޫ، މެކްސިކޯ އަދި މިސްރު ހިމެނެ އެވެ. އަދި ޗައިނާގެ ބާޒާރުގައި ހިމާރުގެ ހަމުގެ އަގު އުޅެނީ 3000 ޔުއާން (460 އެމެރިކާ ޑޮލަރު) އަށެވެ.
ހިމާރު ހަމާއި މަހަށް ޗައިނާގައި ޑިމާންޑު ބޮޑުވެފައިވާއިރު އެއީ އެގައުމުގައި މިހާރު މަލްޓިބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އެކެވެ.
އަދި އެކަމާ ގުޅިގެން ބައެއް ގައުމު ތަކުން ވަނީ އެގައުމުތަކުގައި ދަތުރުފަތުރަށާއި ދަނޑުވެރިކަމަށް ބޭނުން ކުރާ ހިމާރު މަރާފައި ނުވަތަ ވަގަށް ނަގައިގެން ޗައިނާއަށް ފޮނުވާ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ.
ހިމާރުގެ ހަމުން ނަގާ ގެލަޓިން ނުވަތަ ޗައިނާ ބަހުން ނަމަ އެޖިއާއޯ އަކީ ހަންގަނޑުގެ ރީތިކޮށް ބެހެއްޓުމަށް ޗައިނާގައި ބޭނުންކުރާ ސަގާފީ ބޭހެކެވެ.
އެ ބޭސް އުފައްދާ ކުންފުނިތަކުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު 2013 ވަނަ އަހަރު އެ ބޭހުގެ 3200 ޓަނު އުފެއްދިއިރު 2016 ވަނަ އަހަރު އެ އަދަދު ވަނީ 5600 ޓަނަށް އިތުރު ވެފައެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 20 ޕަސެންޓުގެ އިތުރު ވުމެކެވެ.
ހަމައެއާއެކު ޗައިނާގެ ހިމާރުގެ އާބާދީ ވެސް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑު އަދަދަކަށް ދަށްވެ، ދަނޑުވެރިކަމުގައި ކުރިން ބޭނުންކުރި ހިމާރުގެ ބަދަލުގައި މިހާރު ބޭނުން ކުރަމުންދަނީ މެޝިނަރީ އެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނާ ގޮތުގައި 1996 ވަނަ އަހަރު އެގައުމުގައި 10 މިލިއަނާ ގާތްކުރާ އަދަދަކަށް ހިމާރު އުޅުނުއިރު 2015 ވަނަ އަހަރު އެ އަދަދު ވަނީ ދެބައި ކުޅަ އެއްބައަށް މަދުވެފަ އެވެ.
ހިމާރުގެ އާބާދީއަށް ބަލާއިރު މުޅި ދުނިޔޭގައި 44 މިލިއަން ހިމާރު އުޅޭ ކަމަށް ވަނީ ބެލެވިފައެވެ. ހިމާރު އެންމެ ގިނަ އަދަދަކަށް އުޅެނީ އޭޝިއާ، އުތުރު އެފްރިކާ އަދި ދެކުނު އެމެރިކާގަ އެވެ.