01 Jan 2018, 17:25
ސްރީލަންކާގައި އުޅޭ މައިނޯރިޓީ ތަމަޅައިންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ އަރިހުން ލަންކާގެ ތަމަޅައިގެ ޖަމްއިއްޔާ އަކުން އެދިއްޖެއެވެ.
އައު އަހަރުގެ ތަހުނިޔާއާއެކު 'ޓަމިލްސް އޮފް ޓުރަމްޕް' ނަމަކަށް ކިޔާ ޖަމްއިއްޔާ އިން ޓުރަމްޕަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ތަމަޅައިންނާ ދެކޮޅަށް ސްރީލަންކާގެ އޮފިޝަލުން ހިންގި ހަނގުރާމައިގެ ކުށްތަކުގައި އަނިޔާ ލިބިފައިވާ ތަޅަމައިންނަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު ނުވަތަ ބައިނަލްއަގުވާމީ ޓްރައިބިއުނަލް މެދުވެރިކޮށް ބައިނަލްއަގްވާމީ އިންސާފު ހޯއްދަވައިދެއްވުމަށް އެދޭ ކަމަށެވެ.
އަދި އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު ފަހުން ތަމަޅައިންނާ ދެކޮޅަށް ހިންގި އެއްވެސް އަނިޔާވެރި، ރުޅިވެރި އަމަލުތަކުގެ ބަދަލުގައި މެޖޯރިޓީ ސިންހަޅައިގެ އެއްވެސް މީހަކު ޒިންމާދާރު ކުރެވިފައި ނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"އިންސާފު މިހާތަނަށް ވެސް ވަނީ ނުލިބިފައި. އަދި 2018 ވަނަ އަހަރަކީ އެ އިންސާފު ތަމަޅައިންނަށް ލިބޭނެ އަހަރު ކަމަށް އުއްމީދު ކުރަން. އެމެރިކާ އިން ވަނީ ދެކުނު ސުދާންގައި އަނިޔާ ލިބުނު މީހުންނަށް ވެސް އެމީހުންގެ ބޭނުންތައް ފުއްދައިދެއްވުމަށް ތެދުވެރިކަމާއި ކެރުންތެރިކަމާއެކު މަސައްކަތް ކޮށްފައި،" ޓަމިލްސް އޮފް ޓުރަމްޕް ޖަމިއްޔާއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އަދި ސްރީ ލަންކާގެ އުތުރާއި އިރުމަތީގައި އުޅޭ ތަމަޅައިންނަށް އެމީހުންގެ މުސްތަގުބަލް ނިންމުމުގައި އެހީވެ ތަމަޅައިންނަށް މިނިވަންކަން ލިބެން ޖެހޭ ކަމަށް ބުނެފައިވެ އެވެ. (ކޮލަމްބޯ ގެޒެޓް)