11 Aug 2011, 20:32
ދުނިޔޭގެ މަޝްހޫރު އެއާލައިން، އެމިރޭޓްސް އިން ދަތުރުކުރާ މަންޒިލްތަކުގެ ރޭޑިއޯ ސްޓޭޝަންތައް އަޑުއެހޭ ގޮތަށް މުޅިން އަލަށް ތައާރަފްކުރި އައިފޯން އަދި އައިޕެޑް އެޕްލިކޭޝަން، "އެމިރޭޓްސް ޑެސްޓިނޭޝަން ރޭޑިއޯ" ގައި ހިމެނޭ ރާއްޖޭގެ އެކްސްލޫސިވް ރޭޑިއޯ ޗެނަލަކަށް ސަންއެފްއެމް ހަމަޖައްސައިފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ މިއަދު ވިދާޅުވީ، އެޕް ސްޓޯރުން އެމިރޭޓްސްގެ އެޕްލިކޭޝަން ޑައުންލޯޑްކުރުމަށްފަހު، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް އައިފޯން ނުވަތަ އައިޕެޑް މެދުވެރިކޮށް މިހާރު ސަންއެފްއެމް ފަސޭހަކަމާއެކު ވަގުތުން އަޑުއެހޭނެ ކަމަށެވެ. އަދި އިންޓަނެޓުގެ ހިދުމަތް ލިބޭ އެމިރޭޓްސްގެ ފްލައިޓުތަކުގެ ތެރޭ ވެސް އެ އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމުގައި ސިނާން ވިދާޅުވި އެވެ.
އެމިރޭޓްސް ފަދަ ދުނިޔޭގެ މަޝްހޫރު އެއާލައިނަކުން ތައާރަފްކުރި ރޭޑިއޯ އެޕްލިކޭޝަނެއްގައި ސަންއެފްއެމް ހިމެނިގެން ދިއުމަކީ ރާއްޖެއަށާއި އަދި ސަން އެފްއެމް އަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ސިނާން ވިދާޅުވި އެވެ.
"އެމިރޭޓްސްއަކީ ދުނިޔޭގެ މިހާރު ނަންބާ ވަން އެއް އެއާލައިންގެ ގޮތުގައި އަޅުގަނޑުމެން މި ގަބޫލުކުރަނީ. އެހެންވީމަ، އެމިރޭޓްސްގެ މިފަދަ އެޕްލިކޭޝަނެއްގައި ރާއްޖޭގެ ރޭޑިއޯ ސްޓޭޝަނެއް ހިމެނިގެން ދިއުމަކީ ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް ވެސް ލިބޭ ޝަރަފެއް. އަނެއްކާ އެއީ އަޅުގަނޑުމެން، ސަން އެފްއެމްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމަށް ސަންގެ މުޅި ޓީމުން ވަރަށް ބޮޑަށް ފަހުރުވެރިވޭ." ސިނާން ވިދާޅުވި އެވެ.
ޑެސްޓިނޭޝަން ރޭޑިއޯ އެޕްލިކޭޝަން އެޕް ސްޓޯރުން މުޅިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
އެ އެޕްލިކޭޝަނުން ސަންއެފްއެމް އަޑުއެހެމަށް ލޮކޭޝަން ލިސްޓުން އޭޝިޔާ ސަބް ކޮންޓިނެންޓް ސިލެކްޓް ކުރުމަށްފަހު، ޑެސްޓިނޭޝަން މާލެ ނެގުމުން ވަގުތުން ސަންއެފްއެމް އަޑުއިވޭނެ އެވެ. އަދި އަޑުއަހަމުންދާއިރު ރާއްޖޭގެ ގަޑިއާއި މޫސުމުގެ ތަފްސީލު ވެސް ފެންނަން ހުންނާނެ އެވެ.
މީގެ އިތުރުން، އެމިރޭޓްސް ފްލައިޓުތައް ދަތުރުކުރާ ދުނިޔޭގެ ހަ ބައްރުގެ، 97 ސިޓީއެއްގެ ރޭޑިއޯ ޗެނަލްތައް އެ އެޕްލިކޭޝަން މެދުވެރިކޮށް އަޑުއެހޭނެ ގޮތް މިހާތަނަށް ވަނީ އެމިރޭޓްސް އިން ހަމަޖައްސައިފަ އެވެ. އެއްވެސް ޗެނަލެއް އަޑުއެހުމަށް އަގެއް ނުނަގަ އެވެ.
ޑެސްޓިނޭޝަން ރޭޑިއޯ ލޯންޗުކުރުމަށްފަހު އެމިރޭޓްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެޕްލިކޭޝަންގައި ހިމެނޭ ރޭޑިއޯ ޗެނަލްތައް ހޮވާފައިވަނީ އެ ކުންފުނީގެ ޓީމުތަކުން އެކި ގައުމުތަކަށް ގޮސް، އެތަންތަނުގައި އޮޕަރޭޓްކުރާ ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން އެންމެ މަގުބޫލު ސްޓޭޝަންތައް ބެލުމަށް ފަހު ކަމަށެވެ.
އެމިރޭޓްސްގެ ވައިސް ޕްރެސިޑެންޓް، ނޯތު އެމެރިކާ، ޖިމް ބެކްސްޓާ ވިދާޅުވެފައިވާ ގޮތުގައި، މި އެޕްލިކޭޝަން ތައާރަފްކުރުމުގެ ބޭނުމަކީ އެމިރޭޓްސްގެ ފަސިންޖަރުން ދާން ބޭނުންވާ މަންޒިލަށް ދިއުމުގެ ކުރިން އެތަނުގެ ބަހާއި މިއުޒިކާއި އަދި ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި އަމިއްލަ ގައުމުގެ ރޭޑިއޯ ޗެނަލެއް އަޑުއަހާލުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ.
މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ އެމިރޭޓްސްގެ އެޑް އޭޖެންސީ އައިއެސްއެމްގެ ބެލުމުގެ ދަށުން، އެމެރިކާގެ މަޝްހޫރު މޯބައިލް އެޕްލިކޭޝަން ޑެވެލޮޕަރު، އެމްއީޑީއެލް މޯބައިލް އިންނެވެ. އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މިދިޔަ މަހު އެވެ.
މީގެ ކުރިން ސަން އިން ވަނީ އައިފޯން އަދި އައިޕެޑް މެދުވެރިކޮށް ސަން އޮންލައިންގެ ހަބަރުތައް ކިޔާލެވޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. އަދި މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ އެސްއެމްއެސް މެދުވެރިކޮށް ސަންގެ ހަބަރުތަކުގެ ސުރުހީތައް ލިބޭނެ ހިދުމަތެއް ވެސް ތައާރަފްކޮށްފަ އެވެ.
ރާއްޖޭގެ މީޑިއާ އިންޑަސްޓްރީގައި ފުޅާވަމުން އަންނަ ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުން މިހާރު ހިންގަމުން އަންނަނީ ސަންއެފްއެމް އަދި ސަން އޮންލައިންގެ އިތުރުން ސަން މެގަޒިން އެވެ.