01 Jan 2018, 16:44
ތެހެރާން (ޖަނަވަރީ 1) : އީރާނުގެ ސަރުކާރަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ޑިމޮކްރެޓިކް ސަރުކާރެއް ކަމަށާއި އެސަރުކާރާ ދެކޮޅަށް ސުލްހަވެރި ކަމާއެކު ތެދުވެ އަޑުއުފުލައި ބޭނުންވާ ޝުއޫރުތައް ފާޅުކުރުމުގެ ހައްގު އީރާނުގެ ރައްޔިތުންނަށް ލިބިފައިވާ ކަމަށް އެގައުމުގެ ރައީސް ޑރ. ޙަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.
އީރާންގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުވަމުންދާ މައްސަލާގައާއި އެނޫންވެސް އިގްތިސާދީ ބޮޑެތި މައްސަލަތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ދެއްވި ބަޔާނެއްގައި ރޫޙާނީ ވިދާޅުވީ އީރާނުގެ ރައްޔިތުންނަށް ސަރުކާރާ ދެކޮޅަށް ޝަކުވާކުރެވޭނެ ކަމަށާ ސަރުކާރުން ރައްޔިތުންގެ ޝަކުވާގެ އަޑުއަހާނެ ކަމުގައެވެ. މުޒާހަރާތައް ސުލްޙަވެރިކޮށް ކުރަމުން ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅައި ނުލާނެ ކަމަށްވެސް ރޫޙާނީ ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުން ބޭނުންވާ ކަންކަން ހާމަކުރުމަށްޓަކައި ކުރާ މުޒާހަރާތަކުން ގައުމުގެ އަމަން އަމާންކަން ނަގާލައި ގައުމުގައި ފިތްނައާއި ބައިބައިވުން އުފައްދައި ތަންތަނަށް ގެއްލުންދޭފަދަ ހާލަތަކަށް ބަދަލުވެގެންދާނަމަ އެއީ ޑިމޮކްރަސީ ނޫންކަމަށާ އެފަދަ ޙާލަތެއްގައި އެކަން ހުއްޓުވާނެކަމަށް ރޫހާނީ ވިދާޅުވިއެވެ.
އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކަށް އެންމެ ބޮޑަށް ތާއީދުކުރަނީ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާއަކީ ސިޔާސީ ބޭނުންތައް ޙާސިލް ކުރުމަށްޓަކައި މީގެ ތިރީސް ފަސްއަހަރު ކުރިން ފެށިގެން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. އީރާނަށް ކުރިވަމުންދާ އިގްތިސާދީ ދަތިތަކުގެ މައިގަނޑު ސަބަބަކީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލާތީ އާއި އީރާނުން އަމިއްލައަށް ބާރުވެރިކަން ހޯދަން މަސައްކަތްކުރާތީ (ނިއުކްލިޔަރ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ކުރިޔަށްގެންދާތީ) އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.
ދަތިކުރުމު ފިޔަވަޅުތަކުން ސަލާމަތް ވުމަށްޓަކައި ރޫހާނީގެ ވެރިކަމުގައި އީރާނުންވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާ ވާހަކަ ދައްކައިގެން ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާވެސް ހިމެނޭގޮތަށް ސޮއިކޮށްފައެވެ. މި އެއްބަސްވުމާގުޅިގެން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އދ. ން އުވާލިނަމަވެސް އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގަތުމާއެކު އެމެރިކާވަނީ ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން ދޭންޖެހޭ މާލީ ލުއިތައް އީރާނަށް ދިނުމަށް ދެކޮޅުހަދައި ދަތިކުރުމުގެ ބައެއްފިޔަވަޅުތައް އަލުން ވަރުގަދަކޮށްފައެވެ.
އެމެރިކާ ބޭންކިން ދާއިރާގައި އީރާނާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕް ގެ ވެރިކަމުގައި ދެމެހެއްޓުން ވެގެންދިޔައީ ނިއުކްލިޔަރ އެއްބަސްވުމުގެ ސަބަބުން ލިބޭނެކަމަށް އީރާނުން އުންމީދުކުރި އިގްތިސާދީ ފައިދާތަކުގެ ބޮޑުބައި ލިބުމަށް ހުރަސްއެޅިގެން ދިޔަ ކަމެއް ކަމުގައެވެ. ޔޫރަޕްގެ ގައުމުތަކުން އީރާނުގައި ކުރަންއުޅުނު ބޮޑެތި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅީ އެކަން ނުކުރުމަށް އެމެރިކާ ޔޫރަޕަށް ބިރު ދައްކައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް އީރާނުގެ ރައްޔިތުންގެ މުޒާހަރާތަކަށް ތާއީދުކޮށް ވާހަކަ ދައްކަވާއިރު ޚުދު އެމެރިކާއަކީ އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ ގައުމެކެވެ. ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު އޭނާގެ ވެރިކަމާ ދެކޮޅަށް އެމެރިކާގައި ކުރި މުޒާހަރާތަކުގައި އެމެރިކާގެ ފުލުހުން އެތަށް ބަޔަކު މަރާލާފައިވެއެވެ. އަދި އެމެރިކާއަކީ އެމެރިކާގެ ކަޅުމީހުންނާމެދު ނަސްލީ އިމްތިޔާޒް ގެންގުޅޭ ގައުމެއްވެސް މެއެވެ. ޓްރަމްޕްގެ ވެރިކަމުގައި މިކަންތައްވަނީ ހައްދުން ނައްޓާފައެވެ.
ޓްރަމްޕް އީރާނުގެ މުޒާހަރާތަކަށް ތާއީދު ކުރައްވައި ޑިމޮކްރަސީގެ ނަމުގައި ވާހަކަ ދައްކަވާއިރު އޭނާ ވަނީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އިސްރާއީލު ނިންމާފައިވާ ބާތިލް ނިންމުމަށް އިޢްތިރާފްވެ ވަވަޑައިގެންފައެވެ. އަދި ގުދްސުގެ މައްސަލާގައި ޑިމޮކްރަސީއާ ޚިލާފަށް ޓްރަމްޕް ވަނީ އދ. ގެ ސަލަމާތީ މަޖިލީހުގައި އިސްރާއީލުގެ ދިފާއުގައި ވީޓޯކޮށް ގުދްސާބެހޭ ގަރާރު ބާތިލްކޮށްލައްވާފައެވެ. މީގެއިތުރުން ގުދްސުގެ މައްސަލާގައި އދ. ގެ ޖެނެރަލް އެސެމްބްލީގައި ޑިމޮކްރެޓިކް އުސޫލުން މިނިވަން ވޯޓެއް ނަގަން އުޅުމުން ޓްރަމްޕްވަނީ ދުނިޔޭގެ ގައުމުތަކަށް ބިރު ދައްކަވައި ވޯޓަށް ބާރާއި ނުފޫޒު ފޯރުވުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.
އީރާނުގެ މުޒާހަރާތައް އެމެރިކާގެ މީޑިޔާއިން ތަކުރާރުކޮށް ދައްކަމުން ގެންދާއިރު އެމެރިކާ ވާގިވެރިވާ އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މުޒާހަރާތައް އެމެރިކާގެ މީޑިޔާއިން ސަމާލުކަމެއް ނުދެއެވެ.
އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން މިދިޔަ ބުރާސްފަތިދުވަހު ސަރުކާރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތައް ބޮޑުވެ ފުޅާވަމުންދާއިރު މުޒާހަރާކުރި އެތަށް ހާސްބައެއްގެ ތެރެއިން ދެމީހަކު މަރުވެފައިވެއެވެ. ދެމީހުން މަރުވި މައްސަލާގައި އީރާނުގެ މަސްއޫލުވެރިން ވިދާޅުވީ މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖަހާފައި ނުވާނެކަމުގައެވެ. މުޒާހަރާކުރި މީހުންގެ ތެރެއިން ދެމީހުން މަރުވީ އީރާނުގައި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލަން ބޭނުންވާ ބޭރުގެ ބައެއް ފަރާތްތަކާ ގުޅިފައިވާ އީރާނުގެ އެޖެންޓުން ޖަނަވާރު ޝިކާރަކުރަން ގެންގުޅޭ ބާވަތުގެ ބަޑިތައް ހިފައިގެން މުޒާހަރާތަކުގެ ތެރެއަށްވަދެ ބަޑިޖެހުމުގެ ސަބަބުން ކަމަށްވެސް އީރާނުން ބުނެއެވެ.
ނަމަވެސް މުޒާހަރާތަކުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި މީހުންގެ ތެރެއިން ދުއިސައްތައެއްހާ މީހުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާކަން އީރާނުގެ އަމަނާބެހޭ މަސްއޫލުވެރިން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުތީ ފާއިތުވި ދެތިން ހަފްތާތެރޭގައި ކާބޯތަކެއްޗާއި އެނޫންވެސް އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ޚިދްމަތުގެ އަގު އިންތިހާއަށް ބޮޑުވުމާއި ގިނަ އަދަދެއްގެ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ރޫޅި އިގްތިސާދީ މައްސަލައް ބޮޑުވުމުންނެވެ. އީރާނުގައި އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަކީ މަދުން ނަމަވެސް ހިނގާކަމެކެވެ.ދެހާސް ނުވަވަނަ އަހަރުވެސް އީރާނުގެ އެތަށް ހާސްބަޔަކު އޭރުގެ ރައީސް އަހްމަދީ ނެޖާދް ގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެއެވެ.
މިފަހަރުގެ މުޒާހަރާތަކާމެދު އީރާނުގެ ލީޑަރުން ދެކެނީ އީރާނަކީ އެމެރިކާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާ ގައުމަކަށްވާތީ އެގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި އެމެރިކާފަދަ ގައުމުތައް އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި އީރާނުގެ މަދު ބަޔަކު ލައްވައި ކުރުވަމުން ގެންދާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އީރާނުގައި ކޮރަޕްޝަން އޮތްކަމަށާ އަދި އިގްތިސާދީ ކަންކަމުގައި ސަރުކާރުގެ އިހްމާލުވެސް އޮތްކަމަށް ރައީސް ރޫޙާނީ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި މިކަން ރަނގަނޅު ކުރާނެ ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)