އޮސްޓްރޭލިއާގެ ސިޑްނީގައި ސީޕްލޭނެއް ކޯރަކަށް ވެއްޓި، ހަ މީހަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ އިއްޔެ އެވެ.

އޮސްޓްރޭލިއާގެ ސައިޓްސީއިންގް ކުންފުނި "ސިޑްނީ ސީޕްލޭންސް"އަށް ނިސްބަތްވާ މި ސީޕްލޭން ވެއްޓުނީ ހޮކްސްބަރީ ކޯރަށެވެ. ބީބީސީން ރިޕޯޓުކުރާ ގޮތުގައި، ސީޕްލޭން މިވަގުތު އޮތީ ހޮކްސްބަރީ ކޯރުގައި 13 މީޓަރު އަޑީގަ އެވެ.

އެ ބޯޓުގައި ދަތުރުކުރި ހަ މީހަކު މި ހާދިސާގައި ވަނީ މަރުވެފަ އެވެ. އެ ބޯޓުގައި ތިބީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ޕައިލެޓެއްގެ އިތުރުން ފަސް އިނގިރޭސީންނެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

މަންޒަރުދުށް މީހަކު ބުނި ގޮތުގައި، ސީޕްލޭން އުދުހެމުން ދިއުމުގެ ތެރޭގައި ކަނާތްފަރާތަށް ވަރަށް ކުއްލި ގޮތަކަށް އެނބުރި، ބޯޓުގެ ފިޔަތަކާއި ކުރީކޮޅު ތިރިއަށް އަމާޒުވެ، ބޯޓު ކޯރަށް ވެއްޓުނީ އެވެ.

އެހެން ނަމަވެސް ސީޕްލޭން ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

މި ސީޕްލޭން އޮޕަރޭޓުކުރި ސިޑްނީ ސީޕްލޭންސް ކުންފުނިން ވަނީ އެކުންފުނީގެ ސީޕްލޭންތަކުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.