01 Jan 2018, 10:49
މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖިނާ ހޮލްބްރޫކް އެވެ. ޖޯޖީނާ އޭނާގެ މައިންބަފައިންނާ އެކު ރާއްޖެ އައީ މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި، ފްލައި ދުބާއީގެ އެފްޒީ 559 ފްލައިޓުންނެވެ. ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު ލިބުނީ އެ ފްލައިޓުން ފާބައިގެން، އެންމެ ފުރަތަމަ އިމިގްރޭޝަނަށް ގޮސް ވިސާޖެހުމުންނެވެ.
ވިސާ ޖެހުމާ އެކު ޖޯޖިނާ އަށް މަރުހަބާ ކިޔުމަށް ވީއައިޕީ އޭނާ ލައުންޖަށް ގެންދިޔައުމުން އެތަނުން އޭނާ އަށް މަރުހަބާކީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިޝް މުހައްމަދެވެ.
ހާރިޝްގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިންނާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑަސްޓްރީގެ ތަފާތު ދާއިރާތަކުން ވެސް މީހުން ވަނީ ޖޯޖިނާ އަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ފުރަތަމަ ފަތުރުވެރިޔާކަން އަންގައިދޭ ހަދާނީ ލިޔުމަކާއި ހާއްސަ ހަދިޔާއެއް ވެސް ޖޯޖިނާ އަށް ވަނީ ދީފަ އެވެ. މީގެ އިތުރުން ފުރަވެރި އައިލެންޑް ރިސޯޓުގެ ފަރާތުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތަކާ އެކު، ހަތް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ވެސް ވަނީ ދީފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ މިދިޔަ ނޮވެމްބަރު މަހާ ހަމައަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް 94،258 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު، 1.1 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިއަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓްގެ ކުރިއެރުމެކެވެ.