01 Jan 2018, 10:12
ވޮޝިންޓަން (ޑިސެމްބަރު 1): ފަލަސްތީނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމާފައިވާ ކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފަލަަސްތީންގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީ ވިދާޅުވި ގޮތުގައި ފަލަސްތީން ލިބެރޭޝަން އޯގަނައިޒޭޝަންގެ ސަފީރު ހުސާމް ޒަމްލޮޓް ގައުމަށް ގެންނަނީ "އެމެރިކާ އާއި ފަލަސްތީނުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާތަކެއް" ކުރުމަށެވެ. އަދި އެމަޝްވަރާތަކަށް ފަހު ސަފީރު "އާއްމުކޮށް ކުރައްވާ މަސައްކަތްތައް" އަނެއްކާ ވެސް ކުރައްވަން ފައްޓަވާނެ ކަމަށް އަލް މާލިކީ ވިދާޅުވި އެވެ.
ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ވަނީ މިދިޔަ މަހު ބަލައިގަންފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އެއީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގެނެވޭނެ އެންމެ ރަނގަޅުގޮތެވެ.
ނަމަވެސް ޓްރަމްޕްގެ އެނިންމެވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެ މައްސަލާގައި ސުލްޙަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްވެސް ހައިސިއްޔަތެއް ދެން ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)